އެމްއެންބީސީގެ މުދާ ހަވާލުކުރުމަށް ހުކުމްކޮށްފައިވަނީ ޝަރީއަތަށް ހުށަހަޅާފައި ނުވާ ކަމަކަށް ރިއާޔަތްކޮށް: ވަކީލް

މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ބިމާއި މުދަލާއި މުވައްޒަފުންނާއި ފްރިކްއެންސީތައް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)އާ ހަވާލުކުރުމަށް އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަކަށް ވެސް ރިއާޔަތްކޮށްފައި ކަމަށް އެމްއެންބީސީން މިއަދު ހައި ކޯޓުގައި ބުނެފި އެވެ. ކުރީގެ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުދަލަކާއި އިންސާނީ ވަސީލަތްތަކާއި ހުރިހާ މިލްކިއްޔާތަކީ އެމްބީސީގެ ހައްގެއް ކަމަށް މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައިި އެމްއެންބީސީގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވީ ޑިމޮކްރަޓިކް އެހެން ގައުމުތަކުގައި ކަންކުރާ ގޮތަށް ރިއާޔަތްކޮށް، އެމްއެންބީސީ، އެމްބީސީއާ ހަވާލުކުރުމަށް ހުކުމްކޮށްފައިވަނީ އެހެން ގައުމުތަކުގައި ނެޝަނަލައިޒޭޝަންގެ ދަށުން ކަންކުރާ ގޮތަށް ގިޔާސްކުރުމަށް ފަހުގައި ކަމަށެވެ. ޝަހުދީ ވިދާޅުވީ މިއީ ސިވިލް ކޯޓުުގެ ޝަރީއަތުގައި އެއްވެސް ފަރާތަކުން ދެއްކި ވާހަކައެއް ނޫން ކަމަށާއި ހުށަހަޅާފައިނުވާ ކަމެއްގެ މައްޗަށް ރިއާޔަތްކޮށް ހުކުމްކުރުމުން، ދައުވާ ލިބޭ ފަރާތުން ރައްދު ހުށަހެޅުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށެވެ. މި ނުކުތާއާ ބެހޭ ގޮތުން ޝަހުދީ އިތުރަށް ވިދާޅުވީ ސިވިލް ކޯޓުގެ ގާޒީ އާއިޝާ ޝުޖޫން މުހައްމަދު ކުރައްވާފައިވާ ހުކުމުގައި ނަންގަވާފައިވާ ނެޝަނަލައިޒޭޝަންގެ މިސާލުތަކަކީ މީޑިއާ ކުންފުންޏަކާ ގުޅުވޭ މިސާލުތަކެއް ވެސް ނޫން ކަމަށެވެ. އެކި ގައުމުތަކުގައި ނެޝަނަލައިޒްކޮށްފައިވާ ކުންފުނިތައް ހުކުމުގައި ފާހަގަކޮށްފައިވާ އިރު އެކަމަށް އިޝާރާތްކުރައްވަމުން ޝަހުދީ ވިދާޅުވީ އެއީ މުޅިން ވެސް ގުދުރަތީ ވަސީލަތްތަކުގެ މަސައްކަތްކުރާ، ދައުލަތުގެ އާމްދަނީ އެ ކަމެއްގެ މައްޗަށް ބިނާވެގެންވާ ފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކެއްގެ ވާހަކަ ކަމަށެވެ. އަދި އެ ކުންފުނިތައް ނެޝަނަލައިޒްކޮށްފައި ވަނީ ވަރަށް ކުރިންކަން ކަމަށާއި އެއީ މި ޒަމާނުގެ ނިންމުންތަކެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ. އެމްއެންބީސީގެ ފަރާތުން ފާހަގަކުރި މައިގަނޑު އަނެއް ނުކުތާ އަކީ އެމްއެންބީސީގެ މުދާ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެމްބީސީއާ ހަވާލުކުރުމަށް ހުކުމްކޮށްފައި ވުމެވެ. ޝަހުދީ ވިދާޅުވީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އެމްއެންބީސީ އަށް ލިބިދޭ ހައްގެއް ގެއްލިފައިވާ ކަމަށެވެ. އަމިއްލަ ކުންފުނިތަކަށް މުދާ މިލްކުކުރެވޭނެ ކަމުގެ ޔަގީންކަން މި ހުކުމުގެ ސަބަބުން ގެއްލިގެންދާ ކަމަށް އެމްއެންބީސީގެ ވަކީލް ވިދާޅުވި އެވެ. އަދި މީގެ އިތުރުން ވެސް ބައެއް ކަންކަން ވަނީ ފާހަގަކުރައްވައިފަ އެވެ. ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ، އަބްދުލް ޣަނީ މުހައްމަދު އަދި އައްބާސް ޝަރީފް ބައްލަވާ މައްސަލާގައި އެމްބީސީގެ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސިވިލް ކޯޓުގެ އަޑުއެހުންތަކުގައި ނެޝަނަލައިޒޭޝަން އިނގިރޭސި ބަހުން ބޭނުންކޮށްފައި ނެތް ނަމަވެސް، އެ ކަމާ ބެހޭ ވާހަކަތައް ދައްކާފައިވާނެ ކަމަށެވެ. އަދި އެމްއެންބީސީގައި މިހާރު ހުރި މުދާ އެމްބީސީއާ ހަވާލުކުރުމަކީ އެމްއެންބީސީގެ ހައްގު ނިގުޅައިގަތުން ނޫން ކަމަށާއި އެކަން އެހެން ކުރަންޖެހެނީ ކީއްވެގެންކަން ސިވިލް ކޯޓުގެ ހުކުމުގައި އެބަ އޮތް ކަމަށް އާޒިމާ ވިދާޅުވެ ވާހަކަ ދެއްކެވި އެވެ. ނަމަވެސް މިއަދަށް ކަނޑައެޅިފައިިވާ ވަގުތު ހަމަވުމާ އެކު އާޒިމާގެ ވާހަކަ ކުރުކޮށްލެއްވުމަށް، މިއަދު ފަނޑިޔާރުންގެ ބެންޗުގެ ރިއާސަތުގައި އިންނެވި ޝުއައިބު ހުސައިން ޒަކަރިއްޔާ އެންގެވި އެވެ. ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމަކަށް ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެ ކަމަށާއި ވަރަށް އަވަހަށް މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އެމްބީސީން ކާމިޔާބުކޮށްފައިވަނީ މާލޭ މުނިސިޕަލްޓީންނާއި ކުރީގެ އެޓޮލްސް ޑިވެލޮޕްމަންޓުން ކުރީގެ ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމަށް ރާއްޖޭގެ އެކި ހިސާބުތަކުން ދޫކޮށްފައިވާ ބިންތަކަކީ އެމްބީސީގެ ނަމުގައި ހުންނަންވާނެ ބިންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ބިންތައް އެމްބީސީގެ ނަމަށް ބަދަލުކޮށްދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމާއި އެމްއެންބީސީގެ ނަމުގައި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގައި ހިފަހައްޓާފައި ހުރި ފިކުރީ މުދަލާއި ތަބީއީ މުދަލަކީ އެމްބީސީގެ މުދާ ކަމުގައި ކަނޑައަޅައިދިނުމަށް ކުރި ދައުވާ އެވެ. ހުކުމަށް ފަހު ވެސް އެމްބީސީން ކުރި މަސައްކަތުން އެ ކުންފުންޏަށް ވަނީ އެމްއެންބީސީގެ މުދާ ލިބޭ ގޮތް ނުވެ، މަސައްކަތް ނުކުރެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ