ރާއްޖެއާ މެދު އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފާނެ: ގާސިމް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ނުގެންގޮސްފި ނަމަ، ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން، އެ މަނިކުފާނު ބަންދުގައި ބަހައްޓައިފި ނަމަ، ރާއްޖެއާ މެދު އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ގައުމުތަކުން އަޅާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ސްރީ ލަންކާ އަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު، މާލެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ނަޝީދުގެ މައްޗަށާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދާއި އެހެން ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުން، ގައުމުތަކުން ދެކެނީ "ޖޯކެއްގެ ގޮތުގައި" ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހަތިޔާރު ގެންގުޅުމާއި ދައުލަތުގެ ވެރިން އަވަހާރަކޮށްލުމަށް ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްް ރޭވި ކަމަށް ތުހުމަތުކޮށް، ދައުވާ އުފުލުމަކީ ގައުމުތަކުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. "އެއީ ފްރޭމް ކުރެވިގެން ކުރެވޭ ދައުވާތަކެއްގެ ގޮތުގައި ހުރިހާ ގައުމުތަކަކުން ވެސް ދެކެނީ،" ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުގެ ގޮތުގައި ވެސް ހުންނެވި ގާސިމް ވިދާޅުވި އެވެ. އެހެންވެ އެ ދައުވާތައް އަނބުރައި ގެންދިއުމަށް ގާސިމް ގޮވައިލެއްވި އެވެ. "އެ ބޭފުޅުންގެ މައްޗަށް ހުކުމްކޮށްފި ނަމަ، އަދި ބަންދުގައި ގިނަ ދުވަސްތަކެއްގައި ތިބެން ޖެހިއްޖެ ނަމަ، އިގްތިސޯދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރު އެބައޮތް،" ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ވިދާޅުވި އެވެ. "އެހެން ވެއްޖިއްޔާ އަޅުގަނޑުމެންގެ ގައުމު ބަނޑަށް ޖެހޭނެ. މިއިން އެއްވެސް މައްސަލައަކުން [ދައުވާތަކުން] ގައުމަށް ލިބޭނެ ކުރިއެރުމެއް ނެތް." މިކަންކަމުން ސަލާމަތް ކުރުމާއި ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ވިސްނެވުމަށް ގާސިމް ގޮވާލެއްވި އެވެ. ސިޔާސީ ދައުވާތަކާ މެދު ރައްޔިތުންގެ އިހްސާސްތައް ހުރި ގޮތް، އެމްޑީޕީ/ޖޭޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ބޮޑު މުޒާހަރާ އިން ސަރުކާރަށް ވެސް ފާހަގަ ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ދުވަހުގެ އެއްވުމުން ދައްކުވައި ދިނީ އަދުލް އިންސާފު ބޭނުންވާކަން. މީހަކަށް އެއްވެސް ސިފައެއްގައި އަނިޔާއެއް ލިބެން ބޭނުން ނުވާކަން،" ސިޔާސީ ދައުވާތަކަކީ ރައީސް ޔާމީންގެ ވާދަވެރިންނަށް އަނިޔާ ދިނުމަށް ކޮށްފައިވާ ދައުވާތަކެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވި އެވެ. ލަންކާއަށް ކުރެއްވި ދަތުރުގައި ގާސިމް ވަނީ، އެ ގައުމުގެ ރައީސް މައިތުރިޕާލާ ސިރިސޭނާއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ހާލަތާ މެދު ލަންކާއިން ކަންބޮޑުވާކަން ސިރިސޭނާ ހާމަ ކުރެއްވި ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ކެކެމުންދާ ރާއްޖޭގައި ސިޔާސި މަސްރަހަށް ފިނިކަމެއް ހޯދައި ދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށާއި އެގޮތުން ލަންކާގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ