މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - ފްރާންސް އަތުން 6-4 އިން މޮޅުވެ، އިންގްލެންޑުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ.
މިއީ، ވޯލްޑް ކަޕެއްގައި މިހާތަނަށް އިންގްލެންޑްގެ ދެ ވަނަ އަށް އެންމެ ރަނގަޅު ނަތީޖާ އެވެ. އިންގްލެންޑުން 1966 ވަނަ އަަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިިއިރު، އެ ޓީމު ވަނީ 1990 އާއި 2018 ވަނަ އަހަރުގެ ތިން ވަނަ ހޮވާ މެޗުން ބަލިވެފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި ބެލްޖިއަމުން ވަނީ 2-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ.
މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ތިން ވަނަ މިނިޓްގައި އިންގްލެންޑުން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ރައިސް ޖެހި ގޯލެކެވެ. މެޗުގެ 18 ވަަނަ މިނިޓްގައި ރައިސް ނެގި ކޯނަރަކުން، އެޒްރީ ކޮންސާ ވަނީ ބޮލުން ގޯލެއް ޖަހައި، އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ.
އިންގްލެންޑުން ތަފާތު ކުޅުމެއް ދެއްކި މި ހާފުގައި ފްރާންސްގެ ފަރާތުން ޑިފެންސްކުރުމުގައި ފެނުނީ ފަރުވާ ކުޑަކަމެވެ. މެޗުގެ 37 ވަނަ މިނިޓްގައި، ފްރާންސް ފަހަތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ވަގުތެއްގައި މާކަސް ރަޝްފޯޑް ދިން ބޯޅައެއްްގައި އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހީ ބުކާޔޯ ސަކާ އެެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އެބެރެޗީ އެޒޭ ދިން ބޯޅައަކުން ސަކާ ވަނީ އިތުރު ގޯލެއް ޖަަހައި، ހަތަރު ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ ފްރާންސް އިން ދެ ވަނަ ލަނޑު ޖެހި އެވެ. ފްރާންސުން ހަތަރު ބަދަލުގެނެސްގެން ދެ ވަނަ ހާފު ކުޅުން ފެށިއިރު، މި ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ، މައިކަލް އޮލީސޭ ދިން ބޯޅައަކުން، ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހައިފަ އެވެ. މިއާ އެކު، މުބާރާތުގެ ލަނޑު ލިސްޓުގެ ކުރިއަށް، ނުވަ ގޯލު ޖަހައިގެން ޖެހިލައިފަ އެވެ.
މެޗުގެ 54 ވަނަ މިނިޓްގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި ކުޅެން އެރި ބްރެޑްލީ ބާކޮލާ އެެވެ. އަދި، މެޗުގެ 66 ވަނަ މިނިޓްގައި އޮލީސޭ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ތާރީހުގައި 22 ވަނަ ލަނޑު ޖަހައި، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިފަ އެވެ.
އަނެއްކޮޅުން، އޮލީސޭ ވަނީ މި ވޯލްޑް ކަޕްގައި ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭގެ ރެކޯޑެއް މުގުރާލައިފަ އެވެ. ފީފާ ވޯލްޑް ކަޕެއްގެ އެއް މުބާރާތެއްގައި، އެންމެ ގިނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހަން ފުރުސަތު ހޯދައިދިން ޕެލޭ އެވެ.
ބަދަލަކަށް ކުޅެން އަރައި، އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ބްލޮކްވިއިރު، ފްރާންސަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން މުޅިން ހުސްކޮށް އޮލީސޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ޝޮޓް ދިޔައީ ބޭރުންނެވެ.
އިންގްލެންޑަށް ޕްރެޝަރު ކަނޑުވާލައިދީ، އަލުން ދެ ގޯލުގެ ލީޑެއް ނަަގައިދިނީ 87 ވަނަ މިނިޓްގައި ސަކާ އެވެ. މިއީ، އިންގްލެންޑްގެ ޖެޑް ސްޕެންސް އަށް ފްރާންސް އޭރިއާތެރެއިން، އެ ޓީމުގެ ލޫކަ ޑީންޏާ ކުރި ފައުލަކަށް ދިން ޕެނަލްޓީން މި ލަނޑު ޖަހައި، ސަކާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސަކާ އަކީ ވޯލްޑް ކަޕްގައި އިންގްލެންޑަށް ހެޓްރިކެއް ހަދައިދިން ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.
އިތުރުު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ހަ ވަނަ މިނިޓްގައި ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ އެވެ. އޭގެ މިނިޓެއް ފަހުން، ބެލިންހަމް ވަނީ އިންގްލެންޑްގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ.
ފްރާންސް ބަލިކޮށް އިންގްލެންޑުން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ