ވޯލްޑްކަޕް ވޯލްޑްކަޕް ފްރާންސް ބަލިކޮށް، 60 އަހަރުތެރޭ އިންގްލެންޑަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޑެއްޔެއް

ވޯލްޑް ކަޕް 2026 ގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ފްރާންސް ބަލިކޮށް، އިންގްލެންޑުން 60 އަހަރުތެރޭ ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދައިފިއެވެ.
އެމެރިކާގެ މިޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނުކުތް އިރު، އިންގްލެންޑަށް ވޯލްޑް ކަޕް 1966 ގެ ވޯލްޑް ކަޕަށްފަހު އެޓީމަށް ވޯލްޑް ކަޕްގެ މެޑެއްޔެއް ލިބިފައެއް ނުވެއެވެ. އަދި މިއީ ފްރާންސް ކޯޗުގެ ގޮތުގައި ޑިޑިއޭ ޑެޝޯމްޕްސް ފަހު މެޗެވެ. ތިންވަނަ ހޮވުމަށް މިރޭ ކުޅުނު މެޗުގައި ފްރާންސްގެ މައްޗަށް އިންގްލެންޑުން ކުރި ހޯދީ 4-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފްރާންސަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާ އިރު، އިންގްލެންޑުން ދިޔައީ ފުލުފުލުގައި ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރަމުންނެވެ. އެގޮތުން ބުކަޔޯ ސަކާ އާއި މާކަސް ރަޝްފާޑްގެ ނުރައްކާ ފެނިގެންދިޔައެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކެޕްޓަނެއްގެ ގޮތުގައި މި މެޗުގައި ފެނިގެންދިޔަ ޑެކްލަން ރައިސް، އިންގްލެންޑަށް ލީޑު ހޯދައިދިން އިރު، ރައިސް ނަގައިދިން ކޯނަރަކުން އިންގްލެންޑަށް ލީޑު ފުޅާކޮށްދިނީ އެޒްރީ ކޮންސާއެވެ.
ފުރަތަމަ ހާފު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް، ސަކާ ވަނީ އިންގްލެންޑަށް ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ގޯލުތައް ސަކާ ކާމިޔާބުކުރީ ރަޝްފާޑާއި އެބެރެޗީ އެޒޭ ދިން ބޯޅަތަކަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން އިންގްލެންޑް ކުރީގައި އޮވެގެންނެވެ.
ވަރުގަދަ އެޓޭކަކާއެކު ދެވަނަ ހާފުގެ ފުރަތަމަ ނުވަ މިނެޓުގެ ތެރޭގައި ފްރާންސުން ވަނީ ދެ ގޯލު ޖަހައިފައެވެ. ފްރާންސަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޭޑްލީ ބާކޯލާ އެވެ. އެމްބާޕޭގެ ގޯލާއެކު މި ވޯލްޑް ކަޕްގައި ނުވަ ގޯލާއެކު އޭނާ ވަނީ އެންމެ ގިނަ ގޯލު ޖެހި ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސަށް އެމްބާޕޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރާލައިފައެވެ. ލިއޮނެލް މެސީ އަތުގައި އޮތް އެ ރެކޯޑު އެމްބާޕޭ މުގުރާލާފައިވަނީ ޖުމްލަ 22 ގޯލާއެކުއެވެ. މެސީއަށް ކާމިޔާބުކުރެވިފައިވަނީ 21 ގޯލެވެ.
ފްރާންސުން ގިނަ ހަމަލާތަކެއް އުފައްދަމުންދަނިކޮށް، ޕެނަލްޓީ އޭރިއާ ތެރެއިން ޖެޑް ސްޕެންސްއަށް މަލޯ ގުސްޓޯ ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އިންގްލެންޑްގެ ޕެނަލްޓީ ކާމިޔާބުކޮށް، ސަކާ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ގޯލަކީ އިންގްލެންޑްގެ ފަސްވަނަ ގޯލެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ގޯލެއް ފެނިގެންދިޔައެވެ. ފްރާންސްގެ ހަތަރުވަނަ ގޯލު އުސްމާން ޑެމްބެލޭ ކާމިޔާބުކޮށްދިން އިރު، އިންގްލެންޑްގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ