ބަދަލުގެ ގޮތުގައި ޖީއެމާރަށް ދޭންޖެހޭ މިންވަރު 300 މިލިއަން ޑޮލަރަށް ވުރެ ކުޑަވާނެ: ސަރުކާރު

އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ދިވެހި ސަރުކާރާ އެކު ހެދި އެގްރިމެންޓް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލަކަށް ސަރުކާރުން ޖީއެމްއާރަށް 803 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން މާނަކުރީ ގޯސްކޮށް ކަމަށް ސިންގަޕޫރުގެ ޓްރައިބިއުނަލުން ނިންމި ނިންމުމާ އެކު، ސަރުކާރުން ދައްކަންޖެހޭ މިންވަރު 300 މިލިއަން ޑޮލަރަށް ވުރެ ކުޑަވާނެ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ. ސިންގަޕޫރުގެ ޓްރައިބިއުނަލުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައި ވަނީ، ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން އިންޑިއާގެ ޖީއެމްއާރަށް ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ހިސާބު ހަދާފައިވަނީ ގޯސްކޮށް ކަމަށެވެ. ޓްރައިބިއުނަލްގެ ނިންމުމަކީ ދިވެހި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް.-- ދިވެހި ސަރުކާރު ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު "ހަވީރަ"ށް ވިދާޅުވީ، ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން، ޖީއެމްއާރަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ގެއްލުމުގެ ބަދަލާއި ކުންފުނީގެ ނަމާއި އިއްޒަތަށް ލިބުނު ގެއްލުމުގެ ބަދަލު އުނިކުރުމުން، ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދޭންޖެހޭ މިންވަރު 300 މިލިއަން ޑޮލަރަށް ވުރެ މާ ބޮޑަށް ކުޑަވާނެ ކަމަށެވެ. "ޓްރައިބިއުނަލްގެ ނިންމުމާ ގުޅިގެން، ޖީއެމްއާރުން ހަދާފައިވާ ހިސާބުތައް އުނިކުރުމުން އެ އަދަދު 300 މިލިއަން ޑޮލަރަށް އެބަ ކުޑަވޭ. އެކަމަކު ޖީއެމްއާރުން ހުށަހަޅާ ހިސާބުތަކުގެ ސައްހަ ކަމަށާއި އެހެން ކަންކަމަށް ބަލާއިރު އެއަށް ވުރެ ވެސް އަދަދު ކުޑަވާނެ ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ. "ޓްރައިބިއުނަލްގެ ނިންމުމަކީ ދިވެހި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ޖީއެމްއާރުން ފުރަތަމަ ކްލެއިމްކުރީ 1.4 ބިލިއަން ޑޮލަރަށް. އެ އަަދަދު 600 މިލިއަން ޑޮލަރަށް ކުޑަވެ، އަނެއްކާ މިދިޔަ އަހަރުގެ ޑިސެމްބަރު 800 މިލިއަން ޑޮލަރަށް ކުޑަކުރި. މިހާރު އަނެއްކާ ޓްރައިބިއުނަލްގެ ނިންމުމާ ގުޅިގެން 300 މިލިއަން ޑޮލަރަށް ވުރެ ކުޑަވާނެ ކަމަށް މި ބަލަނީ." އެއާޕޯޓްގައި ހުރި ޖީއެމްއާރުގެ ހެޑް އޮފީސް. -- ހަވީރު ފައިލް ފޮޓޯ ދިވެހި ސަރުކާރުން ރޭ ބުނި ގޮތުގައި ޖީއެމްއާރުގެ އެގްރީމަންޓް ގާނޫނާ ޚިލާފަށް ބާތިލްކުރުމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ޖޫން 2014 ގައި ނިންމި ނިންމުމާ ގުޅިގެން ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހޭ އަދަދު، އަނެއްކާވެސް ޖީއެމްއާރުން ކަނޑައަޅަން ޖެހެ އެވެ. އެ އަދަދު ހަދާނެ ގޮތްތަކެއް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ. ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ޖީއެމްއާރުން ބުނި ނަމަވެސް ދިވެހި ސަރުކާރުން އަބަދުވެސް ބުނަމުން އައީ ދޭން ޖެހޭނީ އެއަށް ވުރެ ކުޑަ އަދަދެއް ކަމަށެވެ. ދެ ފަރާތުން އެންމެ ފަހުން ޓްރައިބިއުނަލަށް ވެސް ދިޔައީ އެ އަދަދާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގަ އެވެ. އެމްޑީޕީގެ ސަރުކާރުން ޖީއެމްއާރަށް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ކުއްޔަށް ދިނީ އެތަން ތަރައްގީކޮށް ހިންގުމަށެވެ. އެކަމަކު ޖީއެމްއާރާ އެކު އެގްރިމެންޓްގައި ސޮއިކުރުމުގެ ކުރިން ވެސް އެކަން އޮތީ ސިޔާސީ ވަރަށް ބޮޑު މައްސަލައަކަށް ބަދަލުވެފަ އެވެ. އަދި ރައީސްކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހައްމަދު ވަހީދުގެ ސަރުކާރުން ނޮވެމްބަރު 26، 2012 ގައި ޖީއެމްއާރުގެ އެގްރިމެންޓް ބާތިލްކޮށް، އެއާޕޯޓް ސަރުކާރަށް ނެގި އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް: އިންޑިއާގެ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ދޭންޖެހޭ މިންވަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ސަރުކާރުން ދެކޭ.---ހަވީރު ފައިލް ފޮޓޯ ބަދަލުގެ ގޮތުގައި 803 މިލިއަން ޑޮލަރު ހޯދަން ޖީއެމްއާރުން މާނަކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމިއިރު، އެއާޕޯޓް ތަރައްގީ ކުރުމަށް އެކްސިސް ބޭންކުގެ ސިންގަޕޫރު ގޮފިން ޖީއެމްއާރަށް ދޫކުރި 160 މިލިއަން ޑޮލަރުގެ ލޯން ދިވެހި ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން މިދިޔަ ހުކުރު ދުވަހު ވަނީ ކަނޑައަޅައިފަ އެވެ. ޖީއެމްއާރުން ބަދަލު ހޯދަން ޓްރައިބިއުނަލަށް ހުށަހެޅުމާއި އެކްސިސް ބޭންކްގެ ލޯނަށް ދިވެހި ސަރުކާރު ޒިންމާކުރަން އެ ބޭންކުން ކުރިއަށް ގެންދިޔަ މައްސަލަ އަކީ ތަފާތު ދެ މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ