އިނގިރޭސިވިލާތުގައި 'ފަލަސްތީން އެކްޝަން' މަނާކުރުމާ ދެކޮޅަށް މުޒާހަރާކުރި 71 މީހުން ހައްޔަރަށް

އިނގިރޭސިވިލާތުގައި 'ފަލަސްތީން އެކްޝަން' ހިންގުން މަނާކުރުމުން ކުރި މުޒާހަރާތަކުގައި 71 މީހުން ހައްޔަރުކޮށްފިއެވެ. ހޮނިހިރު ދުވަހު ލަންޑަން، މެންޗެސްޓާ، ކާޑިފް އަދި ޑެރީގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކަކީ ފަލަސްތީނުގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އިނގިރޭސިވިލާތުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ކުރި މުޒާހަރާތަކެކެވެ. ލަންޑަނުގައި މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި މަނާ ކޮށްފައިވާ ޖަމިއްޔާއަކާ އެއްކޮޅަށް މުޒާހަރާ ކުރުމުން 41 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އާންމު ހަމަލާއެއް ދިނުމުގެ ކުށުގައި އިތުރު އެކަކު ބަންދުކޮށްފައިވާ ކަމަށެވެ. މެންޗެސްޓާ ޕޮލިހުން ބުނީ 2000 ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ސިޓީގެ ސެއިންޓް ޕީޓާސް ސްކުއާ އިން 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސައުތު ވޭލްސްގެ ފުލުހުން ވަނީ ކާޑިފްގައި ވެސް ހަމަ އެ ކުށުގައި 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އިއްޔެ ކުރި މުޒާހަރާތަކުން މީހުން ހައްޔަރުކުރިއިރު، މިދިޔަ ހަފްތާ ހޮނިހރު ދުވަހު ވެސް 'ފަލަސްތީން އެކްޝަން' އާ އެއްކޮޅަށް ކުރި މުޒާހަރާތަކުން 29 މީހުން ވަނީ ހައްޔަރުކޮށްފައެވެ. 'ފަލަސްތީން އެކްޝަން' ހިންގުން މަނާ ކުރީ ގާނޫނު ހަދާ މަޖިލީހުން މި މަހުގެ ކުރީކޮޅެވެ. އެގޮތަށް ނިންމީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން އެ ޖަމާއަތުގެ އެކްޓިވިސްޓުން އަސްކަރީ މަރުކަޒަކަށް ވަދެ ދެ މަތިންދާބޯޓުގައި ރަތް ކުލަ ސްޕްރޭ ކުރުމުން ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ފިޔަވަޅާއެކު އިނިގިރޭސިވިލާތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު ބިރުވެރިކަން އުފެދި، 'ފަލަސްތީން އެކްޝަން' އަލްގައިދާ އާއި އައިއެސް ފަދަ ހަތިޔާރު އެޅި ޖަމާއަތްތަކާ އެއްވަރުވެ، މުޒާހަރާތަކުގައި ބައިވެރިވުން ނުވަތަ އެފަދަ ޖަމާއަތްތަކަށް ތާއީދުކުރުން ޖިނާއީ ކުށަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. ޖުލައި 2020 ވަނަ އަހަރު އުފެއްދި 'ފަލަސްތީން އެކްޝަން' އިން ބުނާ ގޮތުގައި ފްރާންސްގެ މަލްޓިނޭޝަނަލް ތޭލްސް އާއި އިސްރާއީލުގައި ހުންނަ އެލްބިޓް ސިސްޓަމްސް ހިމެނޭ ގޮތަށް އިސްރާއީލުގެ އަސްކަރީ އުފެއްދުމަށް ތާއީދުކުރާ ވިޔަފާރިތަކަށް ހަމަލާ ދިނުމަށް އެކި ކަހަލަ އުކުޅުތައް އެ ޖަމާއަތުން ބޭނުންކުރެއެވެ. އިނގިރޭސި ސަރުކާރުން ވަނީ އެ ޖަމާއަތުގެ އަމަލުތަކުގެ ސަބަބުން އެތައް މިލިއަން ޕައުންޑެއްގެ ގެއްލުން ލިބިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެ ޖަމާއަތް ހިންގުން މަނާކުރުމާ ދެކޮޅު މީހުން ބުނާ ގޮތުގައި "އެންޓި ޓެރަރިޒަމް" ގާނޫނު ބޭނުން ކުރުމަކީ މަދަނީ ނުކިޔަމަންތެރިކަމަށް ފޯކަސް ކުރާ ގްރޫޕަކާ ދެކޮޅަށް އެކަށީގެންވާ ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ