ދަރަނި ދައްކަން ޑޮލަރު ރައްކާ ކުރާ ފަންޑުގެ އިންވެސްޓުމަންޓުތައް ރެކޯޑުކުރަނީ އެކްސެލް ޝީޓެއްގައި ދަރަނި ދައްކަން ޑޮލަރު ރައްކާ ކުރާ ފަންޑުގެ އިންވެސްޓުމަންޓުތައް ރެކޯޑުކުރަނީ އެކްސެލް ޝީޓެއްގައި

ދަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާއިން ކުރަމުން އަންނަ އިންވެސްޓުމަންޓުތަކުގެ ތަފުސީލުތައް ރެކޯޑުކޮށް، އިންވެސްޓްމަންޓް ޕޯޓްފޯލިއޯ ބަލަހައްޓަމުން އަންނަނީ އެމްއެސް އެކްސެލް ޝީޓެއްގައި ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ހަ އަހަރުގެ ރިވިއުގައި, އެސްޑީއެފްގެ އިންވެސްޓުމަންޓުތައް ރެކޯޑުތައް ބަލަހައްޓަމުން އަންނަ ގޮތުން، މި ރެކޯޑުތަކަށް އިތުބާރުކުރެވޭ މިންވަރާއި އެ ރެކޯޑުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާފައި ވެ އެވެ.
އޮޑިޓަރުން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން އިންވެސްޓްމަންޓް ޕޯޓްފޯލިއޯތައް ބަލަހަައްޓަމުން އަންނަނީ އިންވެސްޓުމަންޓުތަކުގެ ހުލާސާއެއްގެ ގޮތުގަ އެވެ. މި ގޮތަށް ރެކޯޑު ކުރާ އިރު، ވަކިވަކި އިންސްޓްރޫމަންޓުތަކުގެ މުއާމަލާތްތަކުގެ ތަފުސީލުތަކާއި ފައިސާ ދެއްކުމުގެ ތާވަލުތައް ނުހިމަނަ އެވެ.
އޮޑިޓު ރިޕޯޓުގައި ވަނީ، މިހެން މުއާމަލާތްތަކުގެ ފުރިހަމަ ރެކޯޑުތައް ބެލެެހެއްޓުމަކީ، އިންވެސްޓްމަންޓުތަކުގެ ސައްހަކަމާއި ފުރިހަމަކަން ޔަގީންކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި އަނބުރާ ފައިސާ ދެއްކުމުގެ ތާވަލުތައް ރެކޯޑުތަކުގައި ހިމެނުމުން، އިންވެސްޓުމަންޓުތަކުން ލިބެން ޖެހޭ ފައިސާ އެއްކުރުމަށާއި ރެކޯޑުކުރުމަށް މަގުފަހިވާ ކަމަށް ވެސް އޮޑިޓަރުން ބުންޏެވެ.
އެކްސެލްގައި އިންވެސްޓުމަންޓުތަކުގެ ރެކޯޑުތައް ބެލެހެއްޓުމުން ނިކުންނަ އަނެއް މައްސަލައަކީ, އޮޑިޓަރުން ބުނި ގޮތުގައި، ރެކޯޑު ބެލެހެއްޓުމަށް އެކަށީގެންވާ ކޮންޓްރޯލްތައް ނުލިބުމެވެ. މި ކޮންޓްރޯލްތައް ނޯންނަ ކަމަށް ބުނާ މައިގަނޑު ސަބަބަކީ އެކްސެލްގައި ބަދަލުތައް ޓްރެކުކުރުމަށް އޮޑިޓު ޓްރައަލްއެއް، ނޫނީ ވަރުގަދަ އެކްސެސް ކޮންޓްރޯލްތަކެއް، އަދި ޑޭޓާގެ އިންޓެގްރިޓީ ރައްކާތެރިކުރުމުގެ ފީޗާތައް ނުހިމެނުމެވެ.
ރެކޯޑު ބެލެހެއްޓުމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން، އޮޅުންތައް އިތުރުވުމާއި، ހުއްދަ ނެތި ބަދަލު ގެނައުމާއި، އަދި ޑޭޓާ މެނިޕިއުލޭޓު ކުރުން ނުވަތަ ގަސްތުގައި އޮޅުވާލުމުގެ ހިރާސް ބޮޑު ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.
އޮޑިޓުގެ ނަޒަރަކުން ބަލާއިރު، އިންވެސްޓްމަންޓް ރެކޯޑުތަކުގެ އިތުބާރުކުރެވޭ މިންވަރާއި ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށް އޮޑިޓަރުން ބުންޏެވެ. އަދި ގަވާއިދުތަކާ އެއް ގޮތަށް އަމަލުކުރެވޭކަން ޔަގީންކުރުމުގެ ފުރުސަތު ގެއްލި، އެތެރޭގެ ކޮންޓްރޯލްތަކުގެ ނަތީޖާ ދަށްވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
އެސްޑީއެފްގެ އިންވެސްޓުމަންޓުތައް ބަލަހައްޓަމުން އަންނަ ގޮތުގެ ބަލިކަށިކަން އޮޑިޓަރުން ފާހަގަކުރިއިރު، އެސްޑީއެފްގެ 90 ޕަސެންޓާ ގާތްކުރާ އަދަދެއް ހުރީ އިންވެސްޓުކޮށްފަ އެވެ. މި ފައިސާ އިންވެސްޓުކޮށްފައި ހުރީ ޓީބިލާއި ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައި ހުރި ލޯނުތަކާއި ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓުތަކުގަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ