އަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުންކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލާފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ދައުލަތުން ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ފުވައްމުލަކު ކަރަންކާގެ ހަސަން ފަރީދުގެ މައްޗަށެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި މިމައްސަލައިގެ އަޑުއެހުމުގައި ގާޒީ ވަނީ މިމައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމަވާލެއްވީކަމަށް އިއުލާނުކޮށްފައެވެ. އެދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ ދެން ޝަރީއަތުގެ މަޖުލީހެއް ބާއްވާނީ މައްސަލައަށް ހުކުމް އިއްވުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖުލީހުގައި ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހަންމަދު ވިދާޅުވީ މިއަދަށް އަޑުއެހުމެއް ތާވަލްކުރީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތުން މި މައްސަލައަށް ހުކުމް އިއްވުމުގެ ކުރިން ބައެއްވާހަކަތައް ކޯޓާ ހިއްސާކުރަން ބޭނުންކަމަށްބުނެ ސިޓީއެއް ފޮނުވުމާ ގުޅިގެން ކަމަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ރައްދުވާ ހަސަން ފަރީދަށް ފުރުސަތު ދިނުމުން ޝަރީއަތުގެ މަޖުލީހުގައި އޭނާ ބުނީ އޭނާއާ ބެހޭގޮތުން ހެކިބަސްދިން މީހުން ކޯތަށް ދީފައިވާ ހެކިބަހާއި، ފުލުހުންގެ ތަހުގީގަށް ދީފައިވާ ހެކިބަހާ ދިމާނުވާ ކަމަށެވެ. އަދި ބުނީ ހެކިންގެ ހެކިބަހުގައި ފުށުއަރާ ބައެއް ކަންތައްތައް ހުރި ކަމަށެވެ.
"ކޯޓަށް ހެކިބަސްދިން މީހުންނާ ފުލުހުންނަށް ހެކިބަސްދިން މީހުންނާ ދެއްކި ވާހަކަ ތަފާތު. ހެކިންގެ ހެކިބަހުގައި ފުށުއަރާ ކަންތައްތަކެއް އެބަހުރި."
ހެކިންގެ ހެކިބަހުގައި ފުށުއަރާ ކަންތައްތަކެއް ޝަރީއަތުގެ މަޖުލީހުގައި ކިޔައިދެމުން ފަރީދު ބުނީ އޭނާއާ ދެކޮޅަށް ހެކިބަސްދިން ހަތަރު މީހަކު ހެބިބަސްދިނުމުގައި "އެންމެ ފުރަތަމަ ރަޒީނަށް ހަމަލާދިންކަމަށް" ބުނެފައިވާ ކަމަށެވެ. "އަދި ހެކިބަސްދިން އަނެއް ތިންމީހަކު އެންމެ ފުރަތަމަ ވަޅިން ހަމަލާދީފައިވަނީ ޝުހާދުއަށް ކަމަށް ބުނެފައިވާ" ކަމަށެވެ. އެހެންކަމުން ހެކިންގެ ހެކިބަހުގައި ފުށުއަރާތީ އިތުރަށް ހެކިންގެ ހެކިބަސް ދިރާސާ ކުރުމަށްފަހު ހުކުމް ކުރުމަށް ފަރީދުވަނީ ގާޒީގެ އަރިހުން އެދިފައެވެ.
ފަރީދުގެ ވާހަކަތަކަށްފަހު ދައުލަތުން އެއްވެސްކަމެއް ފާހަގަކުރައްވަން އޮތްތޯ ގާޒީ ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީސްތަކުގައި ދައުލަތުން ދައްކަން ބޭނުންވާ ހުރިހާ ވާކަތަކެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް އެދޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ޝަރީއަތުގެ މަޖުލިސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެފަރާތުގެ ވާހަކަތައް ކޯޓުން ދިރާސާ ކުރުމަށްފަހު ދެންއޮންނަ އަޑުއެހުމެއްގައި ކޯޓުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ޝުހާދު މަރާލި މައްސަލައިގައި ދެން އޮންނާނީ ހުކުމް: ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ