މަޖިލިސް މެދުވެރިކޮށް "ގައުމު ގަނެލަން" އުޅޭ ކަމަށް ގާސިމް ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގައުމު "ގަނެލަން" ބަޔަކު އުޅޭ ކަމަށް ވިދާޅުވެ، ނުސީދާކޮށް އެމްޑީޕީ އަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވަރަށް ބޮޑަށް ފާޑުކިއުއްވައިފި އެވެ. ޖުމްހޫރީ ޕާޓީން ގދ. ގައްދޫގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ މަޖިލީހުގެ މެމްބަރުން މެދުވެރިކޮށް ގައުމު "ގަނެލަން" އުޅޭ ކަމަށް ނުވަތަ މަޖިލިސް ތެރެއިން އެއާޕޯޓް ހިންގުން ބޭރު ބަޔަކާ ހަވާލުކުރަން މަސައްކަތް ކުރާ ވާހަކަތައް ފެތުރެމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުން ބައެއް ޕާޓީތަކަށް ފާޑު ކިޔާފައި އަނެއް ދުވަހު އެ ޕާޓީތަކަށް ވަންނަމުން ދިއުމުގައި އެފަދަ ކޮންމެވެސް ސިއްރެއް އެބަ އޮތް ކަމަށް ގާސިމް ތުހުމަތުކުރެއްވި އެވެ. އަދި އެކަންކަމަށް ރައްޔިތުން ސަމާލުވުމަށް ގޮވާލެއްވި އެވެ. "ކީއްވެހޭ އިހަށް ދުވަހު ހެއްދެވި ނެހެއްދެވިއަށް އެއްޗެހި ގޮވާފައި، މިހާރު އެ ޕާޓީ އަށް މިވަންނަނީ. މީގެ ސަބަބެއް އެބަ އޮތް ދެއްތޯ؟ މީގައި ސަބަބެއް ނެތިއެއް ނުދާނެ، ސަބަބު އެބަ އެނގޭ އެހެން ނޫންތޯ. އެހެންވީމާ އަޅުގަނޑު މިދަންނަވީ މިގޮތަށް ޚިޔާނާތްތެރިނުވާށޭ މަޖިލިސް މެމްބަރުން ދިވެހި ދައުލަތަށް،" ގާސިމް ވިދާޅުވި އެވެ. "ދެ މިލިއަން ޑޮލަރު، 35 މިލިއަން ރުފިޔާ އަށް މެމްބަރުންނަށް އަނެއް ޕާޓީ އަށް ދަމުންދާ ވާހަކަ މި އިވެނީ. ކިހިނެއް ވެގެންތޯ މިހާ ބޮޑު އަދަދެއް ދީފައި މެމްބަރަކު މި ގެންދަން ޖެހެނީ، ކީއްވެތޯ." އޭނާ މިގޮތަށް ވާހަކަ ދެއްކެވި އިރު ޕީޕީއެމްގެ މެމްބަރު އަހުމަދު މަހުލޫފް އެމްޑީޕީ އަށް ދާން އުޅޭ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އަދި އޭނާ އަށް އެމްޑީޕީން ވަރަށް ބޮޑު އަދަދެއްގެ ފައިސާ ހުށަހަޅާކަމުގެ އަޑުތައް ވެސް ފެތުރިފައިވެ އެވެ. އެކަމަކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވިދާޅުވީ މެމްބަރުން ގެންދަން ދޭނެ އެއްޗެއް އެމްޑީޕީގައި ނެތް ކަމަށެވެ. ގާސިމް ވިދާޅުވީ ކޮމިޓީ އެލަވަންސާ މަޖިލިހުގެ މެމްބަރުންނަށް މަހަކު 80،000ރ ލިބިވަޑައިގަންނަވާ އިރު ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅަނީ މަޖިލިސް މެދުވެރިކޮށް "ގައުމު ގަނެލަން" ކަމަށެވެ. "މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް. ސަމާސާ ވާހަކައެއް ނޫން،" ގާސިމް ވިދާޅުވި އެވެ. "ރަތް މަހަށް ވެސް ނުގޮވާހާ އެއްޗެހި ގޮވާފައި ]އަނެއްކާ[ އެ ގުޅެނީ. މީގައި ކޮންމެވެސް ސަބަބެއް ވާތީ." ގާސިމް ވިދާޅުވީ މަޖިލިސް މެމްބަރުން އެގޮތަށް ޚިޔާނާތް ވެގެން ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. ދެން އޭނާ ސުވާލުކުރެއްވީ އެހާ ބޮޑު އަދަދެއް ބަޔަކު ދޭ އިރު އެމީހުން ބޭނުން ނޫން ގޮތަކަށް ކަންތައްކޮށްފި ނަމަ މެމްބަރުންނަށް ވާނެ ގޮތަކަމާ މެދުގަ އެވެ. އެމްޑީޕީގެ ނަން ނުގެންނަވައި، ގާސިމް ސުވާލުކުރެއްވީ ހުރިހާ ރަށެއްގައި ޖަގަހަ ހަދައި، ބޮޑު ދިދަ ނެގީ ކޮން ތަނަކުން ހޯދި ލާރިއަކުންތޯ އެވެ. އެއީ ރާއްޖޭގެ ދީން ބަދަލުކުރަންތޯ ނުވަތަ ގައުމު ވިއްކާލުމުގެ ތެރެއިން ކަމެއްތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެެ. ގާސިމް ވިދާޅުވީ ބައެއް ރަށްރަށުގައި ސިއްހީ ޚިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށާއި ކައުންސިލަރުންނަކީ ވެސް ނަމެއްގައި ތިބޭ ބަޔަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެކަންތައްތައް ހައްލުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރަށް ހުރަސް އަޅަން ބައެއް ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް ގއ. އަށާއި ގދ އަށް ކުރި ދަތުރުގައި އެފަދަ ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއިން ވެސް އެނގެނީ އުތުރުގެ ރަށްރަށަށް ވުރެ ދެކުނުގެ ރަށްރަށުގައި އޭނާ އަށް ތާއީދު ބޮޑުކަން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ގދ. ގައްދޫ ކައުންސިލްގެ ދެ މެމްބަރަކު ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވާފަ އެވެ. އަދި އާންމު ބައެއް މީހުން ވެސް އެ ޕާޓީ އަށް ސޮއިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ