ނާކާމިޔާބަށް ފަހު މެސީ: "ހިތްދަތިކަމުގެ އަސަރު ވަރަށް ބޮޑު"

ވޯލްޑް ކަޕް ފައިނަލުގައި ކުރިމަތިވި ނާކާމިޔާބުގެ ހިތްދަތިކަން ވަރަށް ބޮޑު ކަމަށާއި އެކަމުން އަރައިގަންނަން ދިގު މުއްދަތެއް ހޭދަވާނެކަމަށް، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ. 
އާދިއްތަ ދުވަހު (ރާއްޖެ އަށް އާދިއްތަ ދުވަހުގެ ރޭ ދަންވަރު) ސްޕެއިންއާ ކުޅެ ފައިނަލުން އާޖެންޓީނާ ބަލިވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެ 1-0 ންނެވެ.
ކުރިމަތިވި ނާކާމިޔާބަށް ފަހު، އާޖެންޓީނާގެ ސަޕޯޓަރުންނާއި މެސީގެ ސަޕޯޓަރުން އިންތިޒާރު ކުރަމުން ދިޔައީ އޭނާގެ ބަހަކަށެވެ. އިންސްޓަގްރާމްގައި ސްޕެން ބަހުން ލިޔުނު ޕޯސްޓްގައި މެސީ ބުނީ، ކުރިމަތިވި ހިތްދަތިކަން ވަރަށް ބޮޑު ކަމަށެވެ. 
އޭނާއެކަން ސިފަ ކުރީ ޒަހަމްތަކެއްގެ ގޮތުގަ އެވެ. 
"ތަދު މިއޮތީ ވަރަށް ބޮޑަށް އިހުސާސްވެފައި. އަދި މި ޒަހަމް ފަސޭހަވާން ވަރަށް ދިގު މުއްދަތެއް ނަގާނެ،" ރަނަރަފް މަގާމާ އެކު ލިބުނު މެޑަލް އަޅައިގެން ހުރި ފޮޓޯއެއް ހިއްސާކުރަމުން މެސީ ލިޔެފައިވެ އެވެ. 
"ރަނގަޅަށް ކުރެވުނު ހުރިހާ ކަންތައްތަކެއްގެ ހަނދާންތައް ވެސް އަހަރެން އާކުރާނަން. މިއަދު އަހަރެމެންނަށް ހާސިލުކުރެވުނު ކަންތަކުގެ އަގުވަޒަންކުރަން އުނދަގޫވި ނަމަވެސް މި ސްކޮޑުން ވަނީ ވިދިވިދިގެން ދެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކޮށްފަ."
ނޮކްއައުޓް ބުރުތަކުގައި، އާޖެންޓީނާއިން ވަނީ ފަހަތުން އަރައި މިސްރާއި އިންގްލެންޑް ބަލިކޮށްފަ އެވެ. އަދި ކޭޕް ވާޑޭ އާއި ސުވިޒަލޭންޑް ބަލިކުރީ އިތުރު ވަގުތު ކުޅެގެންނެވެ.
އެ މެޗުތަކުގެ ހަނދާންތައް ވެސް މެސީ ވަނީ އާކޮށްފަ އެވެ.
"އަހަރެމެންގެ މުޅި ހިތްވަރު ނެރެގެން ފަހަތުން އަރައި ކާމިޔާބުކުރި މެޗުތަކާ އެކު އެއީ އަހަރެމެންގެ ހަނދާނުގައި އަބަދަށް ދެމިއޮންނާނެ މެޗުތަކެއް. އަދި މުޅި ގައުމުގެ ސަޕޯޓާ އެކު މި ސްކޮޑުގެ ބުރަ މަސައްކަތާއި ހިތްވަރުން އަނެއްކާވެސް ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނުނު," އިންޓަ މަޔާމީގެ ފޯވާޑް ލިޔެފައިވެ އެވެ.
މި މުބާރާތުގައި އަށް ގޯލު ޖެހި ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަށް ފަހަރު ހޯދާފައިވާ މެސީއަށް ފައިނަލް މެޗުގައި އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާ ހުރީ ބާކީވެފަ އެވެ. 
ވޯލްޑް ކަޕްގައި، އޭނާ ވަނީ 2014 އަދި 2026 ގެ ފައިނަލުން ބަލިވެފަ އެވެ.
ގަތަރުގައި 2022 ގައި ފްރާންސް ބަލިކޮށް ގާތްގަނޑަކަށް 40 އަހަރަށް ފަހު މުބާރާތް ކާމިޔާބުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ