ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި، އެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްބާސް މުހައްމަދު މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ. އެ އިންތިޚާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރިއިރު އިންތިޚާބު ކާމިޔާބުކުރެއްވީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަދި ޕީޕީއެމަށް ނިސްބަތްވާ އަލީ ސަލީމެވެ. އައްބާސްގެ ވަކީލް ޝާހިދު އަބްދުއްސަމަދު ވިދާޅުވީ އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅީ އެ ދާއިރާގައި ހިމެނޭ ށ. މާއުނގޫދޫގައި ބެހެއްޓި ވޯޓު ފޮށި މާ ފަހުން ބަންދުކޮށްފައިވާތީ ކަމަށެވެ. އެގޮތުން އެ ފޮށި ގުނަން ފަށާފައި ވަނީ ވެސް އެހެން ދާއިރާތަކުގެ ވަގުތީ ނަތީޖާ ވެސް އިއުލާންކުރި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެންވީމާ އެކަމުގެ ސަބަބުން އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ، އެހެންވެ އެ މައްސަލަ މި ހުށަހެޅީ" ޝާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެމްޕެއިން ކުރުމުގެ ވަގުތު ހަމަވިފަހުން، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ސަލީމްގެ ފަރާތުން ކެމްޕެއިން ކުރުމުގެ ކަންތައްތަކެއް ހިންގި ކަމަށެވެ. އެގޮތުން ޕޯސްޓަރުތަކާއި ލީފްލެޓްސްތައް ވެސް މަގުމައްޗަށް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހުކުރު ދުވަހުގެ ރެއިން ފެށިގެން އަނެއް ދުވަހުގެ ފަތިހާ ހަމައަށް ސަލީމްގެ ކެމްޕެއިން ޓީމުތަކުން އެ ދާއިރާގެ ރަށްރަށުގެ ގެތަކަށް ވަދެ، ފައިސާދީގެން މީހުންގެ އައިޑީކާޑު ގަންނަމުން ދިޔަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. މީގެ އިތުރުން އިންތިޚާބު އޮތް ދުވަހު ވެސް ސަލީމްގެ ފަރާތުން މީހުންނަށް ފައިސާ ބެހުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި އެކަންކަން އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅި ނަމަވެސް އިންތިޚާބު ބާއްވާފައިވަނީ އެކަންކަމަށް ޖަވާބު ނުދީ ކަމަށް ޝާހިދު ވިދާޅުވި އެވެ. "މި ދެންނެވި ތިން ނުކުތާ ވެސް އަޅުގަނޑުމެންގެ އެ މައްސަލައިގައި ވާނީ ފާހަގަކޮށްފައި" ޝާހިދު ވިދާޅުވި އެވެ. އެ މައްސަލަ އެ ކޯޓުން މިހާރު ބަލައިގެންފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އިންތިޚާބުގައި ދެވަނައަށް ދިޔަ އައްބާސް އަށް 855 ވޯޓު ލިބިވަޑައިގަތްއިރު އިންތިޚާބު ކާމިޔާބުކުރެއްވި ސަލީމަށް ލިބިވަޑައިގަތީ 930 ވޯޓެވެ. އެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ރަމީޒަށް ލިބިވަޑައިގަތީ 557 ވޯޓެބެ. އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތަކަކީ ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން ބަލައި، ނިންމަންޖެހޭ ބާވަތުގެ މައްސަލަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ