ދިޔަމިގިލީގައި އިރުއިރުކޮޅުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ ރައްޔިތުން ޝަކުވާ ކުރަނީ

ތ.އަތޮޅު ދިޔަމިގިލީގައި ކަރަންޓުގެ ހިދުމަތް ކެނޑެމުންދާތީ ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ ކަމަށް ދިޔަމިގިލީ ކައުންސިލުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ދިޔަމިގިލީ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ އެރަށުން އެކި ގަޑި ގަޑީގައި ކަރަންޓު ކެނޑެމުންދާތާ މިހާރު ހަތަރު ވަރަކަށް މަސްވެފައިވާ ކަމަށާއި އެގޮތަށް ކެނޑެމުންދާތީ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"ހެނދުނު އަށަކުން ފެށިގެން ގަޑިއެއް ދޮޅު ގަޑިއެއް އެބަދޭ، އަނެއްކާ ހަވީރު ހަތަރަކުން ފަހަކަށް އެބަދޭ. އެހެންވީމާ އިލެކްޓްރީކު ސާމާނުތަކަށް ވެސްދަނީ މައްސަލަތައް ދިމާވަމުން،" އަހުމަދު ރިޔާޒު ވިދާޅުވިއެވެ.
825 މީހުންގެ އާބާދީއެއް އޮންނަ ދިޔަމިގިއްޔަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ސައުތު ޔުޓިލިޓީސްއިންނެވެ.
"ކުރިން ހުރި ދެ ޖަނަރޭޓަރު 140ގެ ޖަނަރޭޓަރަކާއި 180 ގެ ޖަނަރޭޓަރެއް. އެހެން ހުއްޓާ 140ގެ ޖަނަރޭޓަރަށް މައްސަލަތަކެއް ދިމާވީ. މިހާރު ބޭނުން ކުރަމުންދަނީ 180 ގެ ޖަނަރޭޓަރު އެކަނި. އެއީ ފުދޭ ވަރަކަށް ބާ އެއްޗެއް. އޭގެން އަރާ ދުމުގެ ސަބަބުން ވެސް ރައްޔިތުން ޝަކުވާތައް ގިނަވޭ. ހަގީގަތަށް ބަލަންޏާ މިހާރު ކުރިއަށް ވުރެ ވެސް ކަރަންޓުގެ ހާލަތު ގޯސް،" އަހުމަދު ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ހަތަރު މަސް ވެގެން ދިޔަ އިރު އެތައް ފަހަރަކު ކަމާ ބެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހު ވެސް ޔުޓިލިޓީސްގެ މައި ކުންފުނި ފެނަކައަށް ލިޔެފައިވާނެ ކަމަށެވެ. މިހަބަރާއި ގުޅޭ ގޮތުން ޔުޓިލިޓީސްގެ ބަހެއް އަދިވަނީ ލިބޭ ގޮތްނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ