އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓްގައި އޮތް މައްސަލައިގެ ޝަރީއަތް ހުއްޓޭނެ ފަދަ އެއްވެސް ކަމެއް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ނުކުރައްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިރޭ ޖޭޕީން ނެރުނު ބަޔާނެއްގައި ބުނަނީ މިރޭ އިރާކޮޅުގެ ގާސިމް ދިރިއުޅުއްވާ މ. މާފަންނު ވިލާއަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ޒިޔާރަތްކުރެއްވުން އެމަނިކުފާނާ ގާސިމް ބައްދަލުކުރައްވާފައިވަނީ އެހެން ސިޔާސީ ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ވެސް ގާސިމް ގެންގުޅުއްވާ އާއްމު ވިސްނުންފުޅާ ސިޔާސަތުގެ ދަށުން ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ނިމުނު ފަހުން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާވެސް ގާސިމް ބައްދަލު ކުރައްވާފައިވާ ކަމަށާ އަދި އެއް ފަހަރަށްވުރެ ގިނަ ފަހަރު ފޯނުން ގުޅުއްވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީނާވެސް ގާސިމް ގައުމުގެ ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޖޭޕީން ބުނީ ގާސިމްގެ ވިސްނުންފުޅަކީ ރާއްޖޭގެ ހުރިހާ ސިޔާސީ ފިކުރެއްގެ ސިޔާސީ ލީޑަރުންނާ ވެސް ވާހަކަފުޅު ދައްކަވައި ގައުމުގެ ކަންކަމުގައި މަޝްވަރާކުރައްވާ ގައުމު ހަމަޖެހުމާއި ޞުލްހަވެރިކަމުގައި ބާއްވަން ބާރު އެޅުއްވުން ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގެ ވޯޓު ނިމުނު ފަހުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތީން އޮނަރަބަލް ޤާސިމް އިބްރާހީމް ދިރިއުޅުއްވާ ގެކޮޅު މ. މާފަންނުވިލާއަށް ޒިޔާރަތްކުރައްވާފަ އެވެ. މީގެ ތެރެއިން ފުރަތަމަ ޒިޔާރަތްކުރެއްވި ދެ ފަހަރު އޮނަރަބަލް ޤާސިމް އިބްރާހީމް ގޭގައި ވަޑައިގެން ނޫޅުއްވަ އެވެ. އަދި ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ރޭ، އޮނަރަބަލް ޤާސިމް އިބްރާހީމް ގޭގައި ވަޑައިގެން އުޅުއްވަނިކޮށް، މުޙައްމަދު ނަޝީދު ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނާ ބައްދަލުކުރެއްވި ނަމަވެސް، ވޯޓު އޮޅުވާލި މައްސަލައިގާ ޖުމްހޫރީ ގުޅުމުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމާމެދު، ނުވަތަ އެމްޑީޕީއާ ޖުމްހޫރީ ގުޅުމުން ކޯލިޝަނެއް ހެދުމާމެދު އެއްވެސް ވާހަކައެއް ދެކެވިފައެއް ނުވެއެވެ. މިކަންވަނީ ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުން ނިމުމަށްފަހު ނުކުމެވަޑައިގެން، މުޙައްމަދު ނަޝީދާއި ޤާސިމް އިބްރާހީމް ވެސް ނޫސްވެރީންނަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ޤާސިމް އިބްރާހީމް ނޫސްވެރީންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވަނީ، ސުޕްރީމްކޯޓުގައި މިހާރު އޮތް މައްސަލަ ނިމިގެންދާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނެ ދެ ކެންޑިޑޭޓުންނަކީ، ޤާސިމް އިބްރާހީމްއާ މުޙައްމަދު ނަޝީދު ކަމުގައި ވާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ޖޭޕީން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ދާދިފަހުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން މީޑިއާގައި ވިދާޅުވެފަވާއިރު އަދި ޤާސިމާ ނަޝީދު ބައްދަލުކުރެއްވުމާ ގުޅިގެން، އެމްޑީޕީއާ ކޯލިޝަން ހަދަން ޖޭޕީން ނިންމައިފިކަމަށް އަޑު ފެތުރެމުންދާއިރު އެ ބާވަތުގެ އަޑުތައް ހުރިހާ ސިޔާސީ ފަރާތްތަކުން ފެތުރިކަމުގައިވީ ނަމަވެސް ޖޭޕީން އެއްވެސް ފަރާތަކާ ކޯލިޝަން ހަދަން އަދި ވިސްނާފައި ނުވާ ކަމަށް ވެސް ޖޭޕީން ބުންޏެވެ.
އެ ބަޔާނުގައި ބުނަނީ ޖުމްހޫރީގުޅުމުގެ އިސްލީޑަރުންނާއި ގާސިމްގެ މައިގަނޑު ވިސްނުންފުޅާއި މަސައްކަތް މިވަގުތު ހުރީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ވޯޓުލުމުގައި ހިންގާފައިވާ ކަމަށް ބުނާ މަކަރާ ޙީލަތުގެ ޢަމަލުތަކުގެ މައްޗަށް ޝަރީއަތް ހިންގަވާ އިންސާފު ހޯއްދެވުމުގެ މައްޗަށް ކަމަށެވެ.
ގާސިމް ޤަބޫލުފުޅު ކުރައްވާ ގޮތުގައި، އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ކަންކަން އިލެކްޝަންސް ކޮމިޝަނުން ފުރިހަމަ ކޮށްފައިނުވާތީ، އަދި އިންތިޚާބީ ޤާނޫނުތަކާ ޚިލާފު އެތައްކަމަކާއި ޝައްކު އުފެދޭ އެތައް ކަމެއް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިނގާފައިވާތީ، އެތަކެއްހާސް ދިވެހި ރަޢިއްޔަތުންގެ ޙައްޤުތައް ވަނީ ގެއްލިފަ އެވެ. ގައުމުވަނީ ހަލަބޮލިކަމާ ހަމަނުޖެހުން ތަކެއްގެ ތެރެއަށް ދިއުމުގެ ބިރުވެރި ފައްތަރުގަކަމަށްވީއިރު އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް ޤާސިމް މިވަގުތު މަސައްކަތްޕުޅު ކުރައްވަނީ ވޯޓުގައި ހިނގައިދިޔަ ޤާނޫނާ ޚިލާފު ކަންތައްތަކުގެ ސަބަބުން ގެއްލިދިޔަ ޙައްޤުތައް ރަޢިއްޔަތުންނަށް ހޯއްދަވައިދެއްވުމުގައިކަމަށް ވެސް އެބަޔާނުގައި ވެއެވެ.
މި މަސައްކަތުގައި ޝަރުޢީ މަރުޙަލާ މެދުވެރިކޮށް އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް ސާބިތުކަމާއެކު އެމަނިކުފާނު އަޅުއްވާނެކަމަށާ ކޯޓްގައި އޮތް ޝަރީއަތް ހުއްޓޭނެ ފަދަ އެއްވެސް ކަމެއް ގާސިމާއި ޖޭޕީން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށާއި ޝަރީޢަތް ނިމުމުގެ ކުރީން ސިޔާސީ ގޮތުން ވަކި ބަޔަކަށް ތާއީދުކުރައްވަން ނުވަތަ ނުކުރައްވަންވެސް ޖޭޕީން ނުނިންމާނެ ކަމަށެވެ.
ޝަރީއަތް ހުއްޓޭފަދަ ކަމެއް ގާސިމް ނުކުރައްވާނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ