މަހްލޫފުގެ ބަންދާ މެދު ހައި ކޯޓުން މިއަދު ގޮތެއް ނިންމާނެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތް މިއަދަށް ތާވަލުކޮށްފި އެވެ. މަސްދުވަސް ވަންދެން މުޒާހަރާ އަށް ނުދާން ކްރިމިނަލް ކޯޓުން ކުރި ޝަރުތު ގަބޫލު ނުކުރުމުން ބަންދުގައި ބަހައްޓަން ދަށު ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅައިދޭން ހުށަހެޅި މައްސަލާގައި ހުކުމް އިއްވުމަށް މިއަދު ބާއްވާ ޝަރީއަތް އޮންނާނީ 2.45 ގައި އެވެ. އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވާ އިރު އެ ދުވަހު ވަނީ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެ ދުވަހުގެ ޝަރީއަތުގައި މަހްލޫފުގެ ފަރާތުން ވެސް އަދި ދައުލަތުގެ ފަރާތުން ވެސް ބުނެފައިވަނީ އަސާސީ ހައްގެއް އުނިވާ ގޮތަށް އެއްވެސް މީހަކަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަސާސީ ހައްގެއް އުނިވާ ގޮތައް ޝަރުތު ނުކުރެވޭނެ ސަބަބުތައް ބަޔާންކޮށް ޝަރީއަތަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކޮށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބެހެއްޓުމަށް ފުލުހުންގެ މައްޗަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކޯޓުން އަމުރުކުރީ، އެއް މަސް ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ކުރި ޝަރުތު އޭނާ ގަބޫލު ނުކުރެއްވުމުންނެވެ. މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކުރީ ފުލުހުން ޖަހާފައި ހުރި ބެރިކޭޑް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަތް ކަމަށް ތުހުމަތުކޮށްފަ އެވެ. ތިން ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އެންމެ ފުރަތަމަ ފަހަރު ފަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ފަހު ދެ ވަނަ ފަހަރަށް ފަސް ދުވަސް ވަންދެން ބެހެއްޓީ ގޭ ބަންދުގަ އެވެ. އޭގެ ފަހުން ކޯޓުން އަމުރުކޮށްފައި ވަނީ 15 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބަހައްޓާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ