ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ސުޕްރީމް ކޯޓުގެ އިސް ނެގުމަށް އެ ކޯޓުން ބެލޭ ގޮތަށް ގަވައިދު ހަދައިފި
ކޯޓުތަކާއި ފަނޑިޔާރުންގެ ހުރުމަތް ކެނޑުމުގެ މައްސަލަތައް ސުޕްރީމް ކޯޓުން އިސް ނަގައިގެން ބެލޭ ގޮތަށް، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ އާ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ. އިއްޔެ އިން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ގަވައިދު ބުނާ ގޮތުން ކޯޓުން ބޭރުގައި ހިންގާ، ކޯޓު ހުރުމަތް ކެނޑުމުގެ އަމަލުތަކުގައި އަދަބު ކަނޑައެޅޭނީ ދައުލަތުން އެ މީހަކަށް ދައުވާ ކުރުމުން ނުވަތަ ހުރުމަތް ކެނޑުމުގެ އަމަލު ރައްދުވާ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އެވެ. އެކަމަކު އެގޮތަށް ގަވައިދުގައި އޮތަސް ކޯޓެއް ނުވަތަ ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭ ފަދަ އަމަލުތައް ސުޕްރީމް ކޯޓުން އިސް ނަގައިގެން ބެލުމުގެ ބާރު އެ ކޯޓަށް އޮންނާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި އެފަދަ މައްސަލައެއް ދަށު ކޯޓުން ބަލަމުން އަންނައިރު ވެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ނެރެންޖެހޭ އަމުރުތައް ނެރުމަކީ ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ކަމަށް ވެސް ގަވައިދު ބުނެ އެވެ. އޭގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓުން ބޭރުގައި ހިންގާ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކުގެ މައްސަލަ ބަލަން ޖެހޭނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އަދި އެ އަދަދަށް ފަނޑިޔާރުން ތިބެގެން ނިންމާ އެފަދަ މައްސަލަތަކާއި ކޯޓު ހުރުމަތް ކަނޑައިގެން ވަގުތުން އަދަބު ދެވޭ މައްސަލަތަކުގެ އިތުރުން، ހުރުމަތް ކެނޑި މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްގެން އަދަބު ދޭ ހާލަތްތަކުގައި ނިންމާ ނިންމުންތައް އިސްތިއުނާފް ނުކުރެވޭނެ ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ. ގަވައިދު ބުނާ ގޮތުން ޝަރީއަތެއް ހިނގަމުން ދަނިކޮށް، ހުއްދަ ނެތި އެތަނުން ނިކުމެ ނުވަތަ އެތަނުގެ ނިޒާމާ ޚިލާފްވެއްޖެ ނަމަ ނުވަތަ ޝަރީއަތުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ ވަގުތުން އަދަބު ކަނޑައެޅޭނެ އެވެ. އޭގެ އަދަބެއްގެ ގޮތުން 10،00ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. އެއްވެސް ބޭނުމެއްގައި ކޯޓަށް ހާޒިރުވި މީހަކު ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ މުވައްޒަފަކަށް ނުވަތަ އެތަނުގެ މުދަލަށް އިހާނާތްތެރި އަމަލެއް ހިންގައިފި ނަމަ ގާނޫނުލް އުގޫބާތުގެ 85 ވަނަ މާއްދާ ނުވަތަ 87 ވަނަ މާއްދާ ނުވަތަ 88 ވަނަ މާއްދާގެ ދަށުން ވަގުތުން އަދަބު ދިނުމުގެ ބާރު އެ ގަވ ަ އިދުން ކޯޓުތަކަށް ލިބެއެވެ. ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ދިޔަ ނުދީ ނުވަތަ ޝަރީއަތުގެ މަޖިލީހަށް އުނދަގޫވާ ފަދަ އަމަލެއް ހިންގައިފި ނަމަ ގާނޫނުލް އުގޫބާތުގެ 85 ވަނަ މާއްދާގެ ހ. ދަށުން އެ މީހަކަށް އަދަބު ދެވޭނެ އެވެ. އެފަދަ އަމަލެއް ކުރީ ފަނޑިޔާރެއް ނުވަތަ ކޯޓުގެ މުވައްޒަފެއްގެ ގަޔަށް އަތްލައިގެން ކަމަށް ވާ ނަމަ އެ އަދަބު އިތުރަށް ބޮޑުވާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި އެފަދަ އަމަލެއް ހިންގުމުގައި ކަނޑި، ބަޑި ނުވަތަ މީހަކު މަރާލެވޭ އެއްޗެއް ބޭނުންކޮށްފި ނަމަ ވެސް އެ އަދަބު އިތުރަށް ބޮޑުވާނެ ކަމަށް ގަވައިދު ބުނެ އެވެ. އެ ގަވައިދުގައި ވާ ގޮތުން ކޯޓުގެ މުވައްޒަފެއްގެ ވާޖިބު އަދާ ކުރުމުގައި އެއްބާރުލުން ދޭންޖެހޭ މަގާމެއްގައި ހުރި މީހަކު އެއާ ޚިލާފުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ 87 ވަނަ މާއްދާގެ ދަށުން އަދަބު ދެވޭނެ އެވެ. އަދި ކޯޓުގައި ހެކި ބަހެއް ދިނުމަށް އިންކާރުކޮށްފި ނަމަ 88 ވަނަ މާއްދާގެ ދަށުން އަދަބު ދެވޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ. ވަކީލަކު ވަކާލާތު ކުރުމުގައި ނުވަތަ ބަދަލުގައި ޝަރީއަތަށް ހާޒިރުވެ ޝަރީއަތުގެ މަޖިލީހުގެ ހުރުމަތް ކަނޑާލައިފި ނަމަ އަދަބު ދިނުމުގެ އިތުރުން، އެ ކޯޓެއްގައި އެ ވަކީލަކަށް ތިން މަހާއި ހަ މަހާއި ދެމެދުގެ މުއްދަތަކަށް ވަކާލާތު ނުކުރެވޭ ގޮތަށް ހެދުމުގެ ބާރު ގަވައިދު ބުނާ ގޮތުން ކޯޓަށް އޮވެ އެވެ. މުއައްސަސާއަކުން ކޯޓެއްގެ ހުރުމަތް ކަނޑާލައިފި ނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެ މުއައްސަސާއެއް ހިންގުމާ އެވަގުތު ހަވާލުވެ ހުރި އެންމެ އިސް ފަރާތަކުން ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ. މީގެ އިތުރުން ވެސް ހުރުމަތް ކެނޑުމުގެ މައްސަަލަތައް ކޯޓުން ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އެފަދަ މައްސަލަތަކުގައި މީހުން ކޯޓަށް ހާޒިރު ކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު 2008 އިން ފެށިގެން އަމަލުކުރަމުން ދިޔަ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވައިދު މިހާރު ވަނީ ބާތިލްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ