ޓޫރިސްޓުންނަށް ރަލާއި އޫރު މަހާއި ސްޕާގެ ހިދުމަތް ދިނުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރަލާއި އޫރު މަސް ރާއްޖެ އެތެރެކޮށް ޓޫރިސްޓުންނަށް ވިއްކުމާއި ޓޫރިސްޓުންނަށް ސްޕާގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ. މިއަދު ހަވީރު ބޭއްވި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވިދާޅުވީ ބަންޑާރަ ނާއިބުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައަކީ އެ "ކޯޓަށް ބަލައިގަނެ މައުޟޫޢީ ގޮތެއްގައި ހުކުމެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން އިއްތިފާގުވެ" ވަޑައިގަންނަވާ ކަމަށެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، އެކަމަކު ދައުވާ ލިބޭ ފަރާތެއް ނެތި ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހެޅި އެ މައްސަލައިގެ އިޖްރާއީ އަޑުއެހުން ބޭއްވީ މި މަހުގެ 5 ވަނަ ދުވަހު އެވެ. މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޓޫރިސްޓު ހިދުމަތްދޭ ތަންތާނގައި ޓޫރިސްޓުންނަށް ރަލާއި އޫރުމަސް ވިއްކަނީ، ރާއްޖެ އެތެރެކުރުން މަނާ ތަކެތީގެ ގަވާއިދުގެ ދަށުން އިންތިޒާމުކޮށްފައިވާ އިސްތިސްނާ އުސޫލުތަކެއްގެ ތެރެއިން ކަމަށާއި އަދި އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަކީ ސައްހަ ނޫން ގަވާއިދެއް ކަމަށް ކަނޑައަޅާފައި ނުވާ ކަމަށެވެ. މި މައްސަލައިގެ އިޖްރާއީ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ ރަލާއި އޫރުމަހާ ގުޅޭ ބައެއް މައްސަލަތަކާއި ސްޕާގެ މައްސަލަތަކެއް ވެސް ކޯޓުގައި އުޅޭތީ އިންވެސްޓަރުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި ގއ. އަތޮޅުގައި ޗައިނާގެ ވަރަށް ބޮޑު ކުންފުންޏަކުން އިންވެސްޓްކުރުމަށް ނިންމުމަށް ފަހު ވެސް މައްސަލަތަކެއް ކޯޓުގައި އުޅޭތީ އެ ކަމުގައި ދަތިތަކެއް މިހާރު ދިމާވެފައިވާ ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެފައިވެ އެވެ. އެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެ މައްސަލައިގައި ބަޔަކު ޚިލާފް އުފައްދަމުންދާ ކަމަށާއި ނަމަވެސް އެ މީހުން ރަސްމީކޮށް މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރަލާއި އޫރުމަސް ވިއްކައި ސްޕާގެ ޚިދުމަތް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށް އެ ފަދަ ފަރާތްތަކުން ބުނަނީ ރަލުގެ ގަވާއިދުގެ ތިން ވަނަ މާއްދާ އިން ފެށިގެން 20 ވަނަ މާއްދާއާ ހަމައަށް ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ. ދީން ހިމާޔަތްކުރުމަށް، ޑިސެމްބަރު ،23 2011ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަށް ގޮވައިލުމާ ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ އެ އަޑުތަކަށް އިޖާބަ ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެހެންވެ ރާއްޖޭގައި ބަނގުރަލާއި އޫރު މަސް ވިއްކުން މުޅިން މަނާކުރުމަށް ވިސްނަމުންދާ ކަމަށެވެ. އަދި މާލޭގައި ހުރި ސްޕާތަކުގައި ހަށިވިއްކާ ކަމަށް ބުނެ އެ ތަންތަން ބަންދުކުރުމަށް މުޒާހަރާގައި ސަރުކާރަށް ގޮވައިލުމާ ގުޅިގެން، ވިލާ ރިސޯޓްސްގެ ފަރާތުން ހިންގާ ރިސޯޓްތަކުގައި ހުރި ސްޕާތައް ބަންދުކުރުމަށް ސަރުކާރުން އެންގި އެވެ. އެއަށް ފަހު، ޓޫރިސްޓް ހިދުމަތް ދޭ ތަންތަނުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާގެ ހިދުމަތް ދިނުމާ މެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި މަހުގެ 2 ވަނަ ދުވަހު އެވެ. އެ ދުވަހު ބަންޑާރަ ނާއިބު އަބްދުﷲ މުއިއްޒު ހަވީރަށް ވިދާޅުވެފައިވަނީ އެ މައްސަލަ ކޯޓަށް ވެއްދީ އެ ކަމުގައި އެކި މީހުންގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ، ޝަރުއީ ދާއިރާ އިން ކޮންމެހެން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ