ބަޣާވާތަށް ފަހު މާލީގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަވެރިން ނުކުމެއްޖެ

ބަމަކޯ (މާޗް 24) - މިދިޔަ ހަފުތާގައި މާލީގެ އަސްކަރިއްޔާ އިން އެގައުމުގެ "ނާގާބިލު" ސަރުކާރު ވައްޓާލުމާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ސިފައިންނަށް އޮހެމުން ދަނިކޮށް އެގައުމުގެ ތައުރިގް ދަރިކޮޅުގެ ހަނގުރާމަވެރިންގެ ސަފުތައް އެ ގައުމުގެ އުތުރު ބިތުން ކުރިއަށް ޖެހި އިއްޔެ އަވަށެއް ހިފައިފި އެވެ. ސަހަރާތަކުގެ ވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ތައުރިގް ހަނގުރާމަވެރިން އިތުރު ސަރަހައްދުތައް ހިފާނެ ކަމުގެ އިންޒާރު ދީފައި ވާއިރު އެމީހުން ބުނެފައި ވަނީ މާލީގެ އަސްކަރިއްޔާގެ ބާރު ހުރިހާ އަވަށްތަކަކުން ކެނޑެންދެން ހަނގުރާމަ ކުރާނެ ކަމަށެވެ. ބަރު ހަތިޔާރާ އެކު ކުރިއަށް ޖެހެމުން އަންނަ މި ހަނގުރާމަވެރިންނަކީ ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ ކުލީ ސިފައިންގެ ގޮތުގައި ހަރަކާތްތެރިވި ހަނގުރާމަވެރިންނެވެ. ހަނގުރާމަވެރިން ކުރިއަށް ޖެހެމުން އަންނައިރު މާލީ އަށް ބަޣާވާތް ގެނައި ސިފައިންގެ ވެރިންނަށް ވަނީ ދުނިޔެއިން ފިއްތުން އިތުރުވެފަ އެވެ. އެފްރިކަން ޔޫނިއަނުން މާލީ ވަގުތީ ގޮތުން ބޭރުކޮށްލާފައިވާއިރު ޔޫރަޕްގެ އިއްތިހާދުން ވަނީ އެހީ ހިފަހައްޓައިފަ އެވެ. އަދި އެމެރިކާ އިން ވެސް ވަނީ އެހީ ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެރިކަން ވައްޓާލުމަށް ފަހު މާލީގެ ސިފައިން ވަނީ ސަރުކާރުގެ އިދާރާތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް އިސް ވެރިންތައް ހައްޔަރުކޮށްފަ އެވެ. މިއީ 21 އަހަރު ތެރޭގައި މާލީ އަށް ގެނައި ފުރަތަމަ އިންގިލާބެވެ. މާލީގެ ވެރިކަން ވައްޓާލާފައި މި ވަނީ އެގައުމަށް ކުރިމަތިވެފައިވާ ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯއްދެވުމަށް ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ފަހު ރައީސް މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެންފައި ވަނިކޮށެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ މާލީގެ އަސްކަރިއްޔާ އަކީ މުޅި އެފްރިކާ ބައްރުގައި ވެސް އޮތް އެންމެ ބަލިކަށި އަސްކަރިއްޔާ ކަމަށެވެ. އެހެންކަމުން ގައްޒާފީގެ ކުރީގެ ހަނގުރާމަވެރިންގެ ނުރައްކާ އެމީހުންނަށް ވަރަށް ވެސް ބޮޑުވާނެ ކަމަށެވެ. ހަނގުރާމަވެރިން ކުރިއަށް ޖެހެމުން ދަނީ ލީބިއާގެ ހަނގުރާމައިގެ މައިދާނުން ހޯދާފައިވާ ޒަމާނީ ބަރު ހަތިޔާރުތަކާ އެކުގަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ