ނަޝީދު މީހުން ގެންގުޅެނީ ބްލެކްމެއިލް ކޮށްގެން: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި މިހާރު ގިނަ ބޭފުޅުން ގެންގުޅުއްވަނީ ބްލެކްމެއިލް ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޅ. ނައިފަރުގައި މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މުހައްމަދު ވަހީދާ އެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން މިއަދު ފެށި "ގައުމައިގެން ކުރިއަށް" ކެމްޕޭންގެ ފުރަތަމަ ޖަލްސާގައި ވާހަކަދައްކަވަމުން، ނަޝީދުގެ ކިބައިގައި ހުރި ތިން ސިފައެއް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ބްލެކްމެއިލް ކޮށްގެން މީހުން ގެންގުޅެނީ ފައިސާ ދީގެންނާއި ފާހިޝް އަމަލްތަކެއްގެ މަޅި ޖަހައިގެން ކަމަށެވެ. "މި ކޯލިޝަންގައި ނުޖެހޭނެ ބްލެކްމެއިލް ކޮށްގެން ބަޔަކު ގެންގުޅޭކަށް،" އެއީ އިޚުލާސްތެރިކަމާ އެކު ޖާގަ ލިބޭ ކޯލިޝަނެއްކަން ބުނެދެއްވަމުން އަދި ނަޝީދުގެ "މަޅީގައި" ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތްވުމަށް ގޮވާލައްވަމުން އިމްރާން ވިދާޅުވި އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ވަހީދުގެ ކޯލިޝަނާ ކިރިޔާ ވެސް ވާދަކުރެއްވޭނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވިދާޅުވިޔަސް އޭނާގެ އެހެން ހަމަލާތަކެއް ވެސް އެމަނިކުފާނަށް ފޮނުއްވި އެވެ. ނަޝީދުގެ އެންމެ މޮޅު ތިން ސިފައިގެ ތެރެއިން އެއް ސިފައަކީ އިތުރުފުޅު ހެއްދެވުން ކަމަށް ވިދާޅުވެ، 2008 ގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އަދާލަތުން ބައިވެރިވި އިރު އެއީ "އެހާ ބޮޑަށް، އެހާ މޮޅަށް ދޮގު ހައްދަވާ ބޭފުޅެއްކަން" އެނގިވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އެމަނިކުފާނު "ދަސްކޮށްފައި އޮތީ ސިޔާސީ ކަންތައްތަކަކީ ދޮގުހެދުމޭ. ދޮގު ގިނައިން ހަދަމުން، ތަކުރާރުކުރަމުން ގޮސް މީހުންގެ ކުރިމަތީގައި ބަދަލުކުރެވިދާނޭ ތެދަކަށް،" އިމްރާން ވިދާޅުވި އެވެ. "އެހެންވެ އެބޭފުޅުންގެ ޓީވީން ހަދަނީ ދޮގު، އެބޭފުޅުންގެ ނޫސްތަކުން ހަދަނީ ދޮގު، އެކްޓިވިސްޓުން ހަދަނީ ދޮގު." އޭގެ ތެރެއިން އެއް ދޮގަކީ ކޯލިޝަނުން އަދާލަތު ވަކިވެއްޖެއޭ ކިޔައިގެން ހަދަމުން ދިޔަ ދޮގު ކަމަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވީ "އެ ދޮގު މިހާރު އަތަށް ގޮވައިފި" ކަމަށެވެ. ނަޝީދުގެ ތިން ވަނަ ސިފައެއް ކަމަށް އިމްރާން ވިދާޅުވީ "ބައިބައިކޮށްގެން ވެރިކަންކުރެއްވުން" ކަމަށެވެ. އޭގެ މިސާލު އެމްޑީޕީ އަށް އަމާޒުކުރައްވައި އިމްރާން ވިދާޅުވި ގޮތުގައި އެ ޕާޓީގެ ހުރިހާ ބޮޑެތި ބޭފުޅުން އެއް ބަޔަކު އަނެއް ބަޔަކާ ޖައްސާފައި މިހާރު ނަޝީދު ނޫނީ ވެރިޔަކު ނުވަތަ ބާރު ހުރި ބޭފުޅަކު ވެސް ނެތް ކަމަށެވެ. "އެހެންވެ މިކިޔަނީ ކޯލިޝަން ހަދައިގެން ވެރިކަމެއް ނުކުރެވޭނޭ. ނޫން. އަޅުގަނޑުމެން ބައިބައިކޮށްގެންނެއް ނޫން ވަރުގަދަވާނީ. މީހުން އެއްބައިވަންތަކޮށްގެން ކޯލިޝަން ވަރުގަދަވާނީ." އޭނާ ވިދާޅުވި ގޮތުގައި މިފަހަރުގެ ވެރިކަން ނަޝީދަށް ލިބިވަޑައިގެންފި ނަމަ ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްކަން ނަގާލައްވާނެ އެވެ. މި ކޯލިޝަނުން "ސައްތައިން ސައްތަ އިސްލާމްކަން ގެއްލިގެން ދާކަށް ދުލެއް ނުކުރާނަން،" އިމްރާން ވިދާޅުވި އެވެ. ރައީސް ވަހީދުގެ ކޯލިޝަނުން އަދާލަތު ވަކިވާން އުޅޭކަމަށް ފެތުރުނު އަޑުތައް މިއަދު ގަދަވީ ރައީސް ވަހީދުގެ ރަނިން މޭޓަކަށް ޑީއާރުޕީގެ އަހުމަދު ތަސްމީން އަލީ ހަމަޖެއްސެވިކަން އިއުލާންކުރި ހަފުލާގައި އިމްރާނާއި އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް ނެތުމުންނެވެ. އެކަމަކު އަދާލަތުގެ އެހެން ބޭފުޅަކު އެ ރަސްމިއްޔާތުގައި އިންނެވި އެވެ. އަދި މިރޭގެ ޖަލްސާގައި އިމްރާންގެ އިތުރުން ޝަހީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ