ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތަށް ހޯމް މިނިސްޓަރު ޑރ.މުޙައްމަދު ޖަމީލު އަހްމަދު ނުފޫޒު ފޯރުއްވަމުން ގެންދަވާކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
ޑރ.ޖަމީލާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް މުޙައްމަދު ރަޝީދު (ބިގޭ) އެވެ. އޭނާއަކީ ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ޙުސައިންގެ ކޮއްކޮއެކެވެ.
ސިވިލް ކޯޓުން މިމައްސަލަ ބޭރުކޮށްފައިވަނީ ހުޅުމާލެ ކޯޓުގައި ރައީސް ނަޝީދާއި ދެކޮޅަށް ކުރިއަށްދާ ޝަރީއަތަކީ މުޙައްމަދު ރަޝީދާއި މަސްލަހަތުގެ ގޮތުން ގުޅިފައިވާ މައްސަލައަކަށް ނުވާތީ އެމައްސަލައިގައި މުޙައްމަދު ރަޝީދަށް ދައުވާކުރުމުގެ ހައްޤު ލިބިގެން ނުވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
ސިވިލް ކޯޓުން މިމައްސަލަ ބޭރުކުރުމާއި ގުޅިގެން މުޙައްމަދު ރަޝީދުގެ ޤާނޫނީ ވަކީލު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު ޢަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ވިދާޅުވެފައިވަނީ އެމައްސަލަ އެމްޑީޕީގެ ނަމުގައި މިއަދު ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަދި މިއަދާއި ހަމައަށް އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ސާފުވާގޮތް ވަނީ ނުވެފައެވެ.
ޑރ.ޖަމީލު ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނަޝީދާއި ދެކޮޅަށް ކުރެވިފައިވާ ދައުވާގައި އިންސާފުވެރި ޝަރީއަތެއް ކުރެވި ނަޝީދަށް ހުކުމް އިއްވުން އަވަސް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ނަޝީދުގެ ޝަރީއަތް ލަސްވެގެން ދިއުމަކީ ޝަރުއީ ދާއިރާއާއި މެދު އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށްވެސް ޑރ.ޖަމީލު ވަނީ ވިދާޅުވެފައެވެ.
ޖަމީލުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ