ޔާމީން ވިދާޅުވިޔަސް ރާއްޖެއިން ތެޔޮ ނެގުމަކީ ޓޫރިޒަމް ފުނޑުފުނޑު ވެދާނެ ކަމެއް: އުމަރު

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރުއާ ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވިޔަސް ރާއްޖެއިން ތެޔޮ ނަގަން ކުރެވޭ މަސައްކަތުގައި ކަނޑަށް އެ ތެޔޮ ލީކުވެ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ފުނޑުފުނޑުވެދާނެ ކަމަށް އުމަރު ވިދާޅުވެއްޖެއެވެ.
އުމަރުގެ ކެމްޕެއިނާ ގުޅިގެން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޭނާއާ ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
އުމަރު ވިދާޅުވީ ގައުމެއްގެ މުޅި އިގްތިސާދު ޓޫރިރަމްގެ މައްޗަށް ބަރޯސާ ވެފައިވާ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ އެއްވެސް ގައުމެއްގައި ތެލެއް ނުނަގާނެ ކަމަށާއި ތެޔޮ ނަގަން ކުރާ މަސައްކަތެއްގައި ހިނގާ އެކްސިޑެންޓެއްގެ ސަބަބުން ކަނޑަށް އެ ތެޔޮ ލީކުވެ މުޅި ޓޫރިޒަމް ފުނޑުފުނޑު ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ ޔާމީން އެ ދެއްކެވި ވާހަކަފުޅަކީ ވިސްނަވަން ޖެހޭ ވަރަށް ނުވިސްނަވައި ދެއްކެވި އެއްވެސް އޮއްޓަރެއް ނެތް ވާހަކަފުޅެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް ޔާމީން އަކީ. އެހެން ނަމަވެސް އަޅުގަނޑު ހިތަށް އަރަނީ އެއްވެސް ވަރަކަށް ވިސްނަވާފައި ބާއޭ އެ ވާހަކަފުޅު އެ ދެއްކެވީ. އެހެން މިދެންނެވީ ރާއްޖެއިން ތެޔޮ ނަގާ ކަމަށްވާނަމަ ތެޔޮ ނަގަން ޖެހޭނީ ކަނޑުގެ އަޑީގެ ފަސްގަނޑު ފޫއަޅުވާލާފައި ލޯވަޅެއް އަޅައިގެން. ދެން އެ ލޯވަޅުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެ ތެޔޮގަނޑު ލީކުވާނީ މުޅި ކަނޑަށް. އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ފުނޑުފުނޑު ވެދާނެ،" އުމަރު ވިދާޅުވިއެވެ.
ދެހާސް ދިހަވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގަލްފް އޮފް މެކްސިކޯގައި ހިނގި ކަނޑަށް ތެޔޮ ލީކު ވުމުގެ ހާދިސާއަށް އަލި އަޅުއްވައި ލައްވަމުން އުމަރު ވިދާޅުވީ ގަލްފް އޮފް މެކްސިކޯގެ ކަނޑުގެ އަޑިން ތެޔޮ ނެގުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި އެ ކަނޑަށް ދުވާލަކު 53 ހާސް ފީފާ ތެއޮ ލީކުވަމުން ދިޔަކަމަށާއި، އެ ތެޔޮގަނޑު ތިންމަސް ވަންދެން ކަނޑަށް ފެތުރެމުންދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ ތެޔޮ ލީކުވުން ހުއްޓުވަން އިނގިރޭސި ވިލާތާއި އެމެރިކާގެ ސައިންޓިސްޓުން ތިންމަސް ވަންދެން ކުރި މަސައްކަތުން ވެސް އެކަން ހައްލު ނުކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ ވަރުގެ ސަރަހައްދެއްގެ ކަނޑުގައި ދިރިއުޅުނު ހުރިހާ މަހަކާއި ދޫނިސޫފާސޫފި މަރުވެ އެ ހިސާބުގެ ޓޫރިޒަމް އެކީ އިނދަ ޖެހުނު ކަމަށެވެ.
ޔާމީން ގެންގުޅުއްވާ ޕޮލިސީތަކަށް ފާޑު ވިދަޅުވަމުން އުމަރު އިތުރަށް ވިދާޅުވީ އެއް ފަރާތުން ޓޫރިޒަމް އާއި މަސްވެރިކަން ކުރިއަރުވާ ވާހަކަފުޅު ދައްކަވާ އިރު އަނެއް ފަރާތުން އެ ދައްކަވަނީ އެ ދެ ސިނާޔަތު އެއްކޮށް ފުނޑުފުނޑުވެދާ ފަދަ އިންޑަސްޓްރީއެއް ރާއްޖެއަށް ގެންނަވާ ވާހަކަފުޅު ކަމަށެވެ. އަދި ނުވިސްނަވައި އެފަދަ ވާހަކަފުޅު ދައްކަވާނަމަ އެ ވާހަކަފުޅަށް އުމަރު ރައްދު ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކަނޑުގެ ބަދަލުގައި ހަނަފަސް ސަހަރާއަކުން ތެޔޮ ނަގާވާހަކަ ދެއްކެވި ނަމަވެސް އެންމެ ރަނގަޅު ކަމަށެވެ.
"ކޮބައިތޯ މަނިކުފާނުގެ އިކޮނޮމިކް ޑައިރެކްޝަން އަކީ. ކޮން ސްޓްރެޓެޖީއެއްތޯ ބޭނުން ކުރައްވަން ގަސްތު ކުރައްވަނީ. ތިޔަ ވިދާޅުވީ އެއްފަރާތުން ޓޫރިޒަމް އާއި މަސްވެރިކަން ކުރިއަރުވާ ވާހަކަ. އަނެއް ފަރާތުން މަސްވެރިކަމާއި ޓޫރިޒަމް އެއްކޮށް ފުނޑުފުނޑު ވެދާ ކަހަލަ އިންޑަސްޓްރީއެއް ރާއްޖެއަށް ގެންނަވާ ވާހަކަފުޅު. އަޅުގަނޑު ދަންނަވާނީ ނުވިސްނަވައި ތިޔަހެން ވާހަކަފުޅު ނުދައްކަވާށޭ. އެހެން ވިދާޅުވާ ނަމަ އަޅުގަނޑުމެންގެ ފަރާތުން ރައްދު ދޭނަމޭ. މިރޭ މި ދަންނަވާ ވާހަކަ އަކީ މިއަށް ދެވޭ ރައްދު،" އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރާއި ޔާމީން ވިދާޅުވަމުން ގެންދަވަނީ ކެމްޕެއިން ތެރޭގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެއްވާނެ ކަމަށެވެ. ނަމަވެސް އެކަން ހިނގާނީ ޑިމޮކްރަސީގެ ރީތި ނަމޫނާގެ ތެރެއިން ކަމަށެވެ. މިރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޔާމީންގެ ސިޔާސަތަށް ފާޑު ވިދާޅުވި ނަމަވެސް ޔާމީނުގެ ޒާތީ އެއްވެސް ކަމަކާ ގުޅޭގޮތުން އުމަރު އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ