އުތުރު ކޮރެއާގައި ސްކުއިޑް ގޭމް ބެލި ސްކޫލް ދަރިވަރަކު މަރަން ހުކުމްކޮށްފި

ނެޓްފްލިކްސްގެ މަޝްހޫރު ޝޯ “ސްކުއިޑް ގޭމް” ބެލި ނޯތް ކޮރެއާ ކުއްކަޖު މަރަން އެ ގައުމުން ހުކުމް ކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، މަރަން ހުކުމްކޮށްފައި ވަނީ ސްކޫލު ކުއްޖެކެވެ. އަދި އޭނާ އެ ޝޯގެ ވީޑިއޯ ޕެންޑްރައިވެއްގައި އެ ގައުމަށް ގެންދިޔައީ، ޗައިނާއަށް ކުރި ދަތުރަކަށް ފަހު އެންބުރި ގައުމަށް ދިޔަ އިރުއެވެ. އަދި އޭނާ ވަނީ އެ ސްކޫލުގެ ބައެއް ދަރިވަރުންނަށް އެ ވީޑިއޯ ވިއްކާފައެވެ.
ނޯތު ކޮރެއާގެ ސައިވެލެންސް ސާވިސް “109 ސަންގްމު”އިން އެ ކުއްޖާއާއި ވީޑިއޯ ގަތް ކުދިން ހޯދާފައި ވަނީ އެ ސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވީޑިއޯ ވިއްކި ދަރިވަރު މަރަން ހުކުމްކޮށްފައިވާ އިރު، އޭނާ މަރާލާނީ ބަޑި ޖަހައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ވީޑިއޯ ގަތް ދަރިވަރުން އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިރު، އެ ޝޯ ބެލި އިތުރު ފަސް ކުއްޖަކަށް ފަސް އަހަރަށް ބުރަ މަސައްކަތް ޖެއްސުމަށް ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން، އެ މައްސަލައިގައި އެ ސްކޫލުގެ އިސް ވެރިޔާއާއި ޓީޗަރުންނާއި އިދާރީ މުވައްޒަފުންވެސް ޒިންމާ ނަގަން ޖެހެއެވެ. އަދި އެމީހުންގެ ވަޒީފާތަކުން ވަކިކޮށްފައިވާ އިރު، އެމީހުންނަށްވެސް އަދަބު އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޯތު ކޮރެއާއިން މި އަހަރުގެ ކުރީކޮޅު ވަނީ އެހެން ގައުމުތަކުގެ ލަވަތަކާއި، ފިލްމު އަދި ސީރީޒްތައް ގެންގުޅޭ އަދި ބަލާ މީހުންނަށް ހަރުކަށި އަދަބު އަންނާނެ ކަމަށް ބުނެފައެވެ. އަދި ވަކި ވަރަކަށްވުރެ ގިނައިން ގެންގުޅޭ މީހުންނަށް މަރުގެ އަދަބު އަންނާނެ ކަމަށް ބުނެފައި ވެއެވެ.
އޭގެ އިތުރުން، އެހެން ގައުމުތަކުގެ ގޮތްތަކަށް އުޅެ، ހެދުންއަޅާ މީހުންނަށްވެސް އަދަބު އަންނާނެ ކަމަށް އިއުލާން ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ