އީރާނު ރެޕަޓުއާގެ މަގާމުގައި އިތުރު ހަ އަހަރަށް ޑރ. ޝަހީދު ހުންނެވުމަށް ފާސްކޮށްފި

ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސްޕެޝަލް ރެޕަޓުއާ އޮން ހިއުމަން ރައިޓްސްގެ މަގާމުގައި ޑރ. ޝަހީދު އިތުރު ހަ އަހަރު ދުވަހު ހުންނެވުމަށް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފި އެވެ. އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓްކުރައްވާ ބޭފުޅެއްގެ ގޮތުގައި 2011 ވަނަ އަހަރުން ފެށިގެން ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު އިތުރު ހަ އަހަރަށް އެމަގާމުގައި ހުންނަވަން ފެނޭތޯ ވޯޓް ނެގީ ސުވިޒަލޭންޑްގެ ޖެނީވާގައި އޮތް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 31 ވަނަ ސެޝަންގަ އެވެ. އެވޯޓްގައި ރާއްޖޭން ވަކި ކޮޅަކަށް ވޯޓެއް ނުދެ އެވެ. ޝަހީދާ އެއްކޮޅަށް ވޯޓްދިން ގައުމުތަކުގެ ތެރޭގައި ރާއްޖެއާ ވަރަށް އެކުވެރި ގައުމުތައް ހިމެނެ އެވެ. އެގޮތުން އޭނާ މަގާމުގައި ހުންނަވަން ފެންނަ ކަމަށް ސައުދީ އަރަބިއްޔާ އާއި ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވޯޓްދީފައިވެ އެވެ. ޝަހީދު ހުންނަވަން ފެންނަ ކަމަށް 20 ގައުމަކުން ވޯޓް ދިން އިރު އޭނާ އަށް ނޫނެކޭ ބުނެފައި ވަނީ 15 ގައުމަކުންނެވެ. އެއީ އަލްޖީރިއާ، ބަންގްލަދޭޝް، ބޮލީވިއާ، ބުރުންޑީ،ޗައިނާ، ކިއުބާ، އިކުއެޑޯރް، އިންޑިއާ، އިންޑޮނީސިއާ، ކެންޔާ، ކިރުގިސްތާން، ޕާކިސްތާން، ރަޝިޔާ އަދި ދެކުނު އެފްރިކާއިންނެވެ. ރާއްޖެއާ އެކު އެވޯޓްގައި ވަކިކޮޅަކަށް ނުޖެހި ތިބީ 11 ގައުމެވެ. އެއީ ކޮންގޯ، ކޮޓްޑިވޯ، އިތިއޯޕިއާ، ގާނާ، މޮންގޯލިއާ، މޮރޮކޯ، ނެމީބިއާ، ނައިޖީރިއާ އަދި ޓޮންގޯ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ