މޫސުން ލަފާކުރެވޭ ގޮތް: މުޅި ރާއްޖެއަށްވެސް ގޯސް ވާނެ

މިއަދު މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ ކަމަށް މެޓުން އިއްޔެ ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާ އެކު ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ބެލެވޭ ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިވަގުތު އޮތީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އަދި ރާއްޖޭގެ އުތުރަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
އެ އިދާރާއިން ބުނީ ބޯކޮށްވާރޭވެހުމާ އެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް މެޓުން ބުނީ، ވިއްސާރައިގައި ހާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށެވެ.
ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މީގެ ކުރިން ވެސް އޮތީ ބުނެފައެވެ.
ސްކޫލް ޗުއްޓީއަށް ވުމާއެކު ދަތުރުތައް ގިނަވާނެތީ، އަންނަ ހަފުތާގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ ތަފުސީލިތައް ހޯދުމަށް އެ އިދާރާއިން އެދެއެވެ.
އޮޑިދޯނި ފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަ ނުކޮށް ދަތުރު ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެއްވުމަށް ގުޅުވައްވާނީ މެޓް އޮފީހުގެ ނަމްބަރު 3310806 ނުވަތަ 3323471 ނޫނީ 3340907 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ