ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ ހުވާ ރާޝިދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ މުހައްމަދު ރާޝިދު ކުރައްވައިފިއެވެ.
ރާޝިދު ހުވާ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.
މެންބަރުކަމުގެ ހުވައި ކުރެއްވުމަށްފަހު ރާޝިދު ވަނީ އިގްރާރުގައި ސޮއިކުރައްވާފައެވެ. ރާޝިދު ހުވައިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެގޮނޑި ތަމްސީލްކުރެއްވި މެމްބަރު ހުސެއިން ވަހީދު ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.
ރާޝިދު ވަނީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސްކަން ތިން ދައުރު އަދާކުރައްވާފައެވެ. ރާޝިދު އެންމެ ފަހުން ހުންނެވީ އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ އިތުރުން، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަދި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ. ރާޝިދު މި އިންތިޚާބު ކާމިޔާބުކުރެއްވީ ޖުމްލަ 1،401 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް 1،161 މީހުންގެ ވޯޓު ލިބިވަޑައިގަތް އިރު، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫގެ އިތުރަށް، އެ އަތޮޅު ކޮމަންޑޫއާއި މަރޮށީގެ އިޖުތިމާއީ ދާއިރާ އާއި، ތަރައްގީގެ ގިނަ ކަންކަމަށް ރާޝިދު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ