ރަށްރަށުގައި އިންޖީނުގެ ދެން އަޅާނީ ރާވައިލެވޭ އިމާރާތްތަކެއްގައި: ފެނަކަ
ފެނަކަ ކޯޕަރޭޝަނުން ދެން ރަށްރަށުގައި ގާއިމުކުރާ އިންޖީނުގެތައް ގާއިމު ކުރެވޭނީ ޕްރީފެބްރިކޭޓެޑް ނުވަތަ، ރާވާލައި، ރޫޅާއިލެވޭ އިމާރާތްތަކެއްގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. އެ ކުންފުނީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނިމާލް ވިދާޅުވީ، ލޯކަލް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން އިންޖީނުގެ އެޅުމުގެ މަސައްކަތް އެންމެ އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާ ކަމަށެވެ. "ކުޑަ ވަރެއްގެ އާބާދީއެއް އޮންނަ ރަށެއްގެ ވެސް އިންޖީނުގެ އެޅުމަށް އެބަ ނަގާ ދޮޅު އަހަރު ނުވަތަ ދެ އަހަރު ވަރު. އެ ސްޕީޑުގައި ދާ ކަމަށްވާ ނަމަ ރައްޔިތުންނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިންޖީނުގެތަކުގެ ހިތްހަމަޖެހުން ލިބިގެން ނުދާނެ ކަމަށް 'ފެންނަނީ'،" ނިމާލް ވިދާޅުވި އެވެ. ނިމާލް ވިދާޅުވީ، ފެނަކަ ކުންފުނިން 48 ރަށުގައި ޕްރީފެބްރިކޭޓެޑް ޕަވާ ހައުސްތަކެއް ގާއިމު ކުރާނެ ކަމަށާއި، އެ އިންޖީނު ގެތައް ބޭނުން އިރަކުން ރޫޅާލައި، ރާވައި، އަދި އެކި ތަންތަނަށް ބަދަލު ކުރެވޭނެ ކަމަށެވެ. ނިމާލް ވިދާޅުވީ ރަށްރަށުގައި އާބާދީ ތަފާތު ކަމުން، މި އިންޖީނުގެތައް ވެސް ގާއިމުކުރެވޭނީ ތަފާތު ހަތަރު ކެޓެގަރީއަކަށެވެ. އަދި ދާދި އަވަހަށް މި މަސައްކަތް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރެވޭނެ ކަމަށް ނިމާލު ވިދާޅުވި އެވެ. މީގެ އިތުރުން ނިމާލް ވިދާޅުވީ، މިއަހަރުގެ ޖަނަވަރީ މަހު އަލިފާނުގެ ހާދިސާއެއް ހިނގައި، މުޅިން އަނދާފައިވާ ތިނަދޫ އިންޖީނުގޭގެ ބަދަލުގައި، އެރަށުގައި ވެސް ދެން އަޅާނީ ރާވައިލެވޭ އިންޖީނުގެއެއް ކަމަށެވެ. "އިންޖީނުގެ އެއްކޮށް ތަޅާލައި، އަލުން އައު އިމާރާތެއް އަޅައި، އައު އިންޖީނުގެއެއް އަޅަން ޖެހިފައި 'ވަނީ'. އަޅުގަނޑުމެންގެ ވިސްނުން އޮތީ އަތޮޅުތަކުގެ ރަށްތަކުގައި އިންޖީނުގެ އަޅާއިރު، ރާވައިލެވޭ އިންޖީނުގެތަކެއް އަޅަން. ގދ. ތިނަދޫގައި ވެސް ކުރިއަށް އޮތް ތިން ހަތަރު މަހެއްހާ ދުވަސް ތެރޭގައި މިފަދަ އިންޖީނުގެއެއް އެޅިގެން ދާނެ،" ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ