އަޅުގަނޑުގެ ފިރިމީހާ އަކީ ތަނަވަސް މީހެކެވެ. އުފާވެރިކަމުގައި ދިރިއުޅެމުން އައިސް ކައިވެނީގެ 3 ވަނައަހަރުގައި ދަރިއަކު ލިބި އެދަރިފުޅުގެ އުމުރުން 8 އަހަރުގައި ފިރިމީހާ އަޅުގަނޑު ވަރިކޮށްލައިފިއެވެ. ވަރިކޮށްފައި ދެމައިން އެކުގައި ގެއިން ނެރެލަމުން ބުނީ ކޯޓަށްދާނެ ކަމަށާއި ދަރިފުޅު އަތުލާނެ ކަމަށެވެ. ތަނަވަސްކަން ނެތްނަމަ މައިންނަށް ދަރިންގެ ބެލެނިވެރިކަން ޙަވާލުނުކުރާނެ ކަމަށެވެ.
ކޮންމެއަކަސް ވަޒީފާއެއް ހޯދަން އަވަސްވެގަތީމެވެ. އެހައިމޮޅަށް ކިޔެވިފައި ނެތުމުން ވަޒީފާ ލިބުނީ ރެސްޓޯރަންޓަކުންނެވެ. 2 ޝިފްޓުގައި ޑިޔުޓީ ކުރުމުންވެސް ލިބެނީ ވަރަށް މަދު ފައިސާކޮޅެކެވެ. ދަރިފުޅުގެ ބައްޕަގެ މުއްސަނދިކަމާއި އަޅާބަލާފައި އެވަރު އެއްވެސް އެއްޗަކަށްނުވެދާނެތީ ހުރީ ވަރަށް ދެރަވެފައެވެ.
އެހެން ހުއްޓާ އަޅުގަނޑާއިއެކު ސްކޫލުގައި ކިޔެވި އަންހެން ދަރިވަރަކު ރެސްޓޯރަންޓަށް ކާން އައި ދުވަހަކު ދިރިއުޅުމުގެ ޙާލަތާއިބެހޭގޮތުން ސުވާލުކުރުމުން ކަންކަން ހުރި ގޮތް ކިޔައިދިނީމެވެ. އޭނާ ބުނީ ރޭގަނޑު ވަރަށް ކުޑަ ވަގުތުކޮޅަކު ތަނަވަސް ފިރިހެނުންނާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ފަށައިފިނަމަ ތިއަ މައްސަލަ ވަގުތުން ޙައްލުވެދާނެ ކަމަށެވެ. އަދި އޭނާވެސް ފައިސާ ހޯދަނީ އެގޮތުން ކަމަށާއި މިހާރު ގެއަކާއި ކާރެއްވެސް ގަނެފިން ކަމަށެވެ.
ކޮންމެއަކަސް ދަރިފުޅަށްޓަކައި ފައިސާ ހޯދަން ބޭނުންވެފައި ހުރިވަރުން އެކުވެރިޔާގެ ބަސް ޤަބޫލުކުރުމުން އެކުވެރިޔާ އޭނާގެ ރައްޓެހި ތަނަވަސް މީހުން ހަމަޖައްސައިދޭން ފެށިއެވެ. އެގޮތުން 3 ރޭވެސް ރެސްޓޯރަންޓަކަށް ގޮސް އެމީހުންނާ ބައްދަލުވީމާ އޭނާއަށް ދެރަވެފަ އިނދެވެނީއެވެ. ހިނިތުންވެލައި ވާހަކަދައްކާނެ ހިތްވަރެއް ނުހުރެއެވެ. އެގޮތަށް އިނދެލާފައި މާފުކުރާށޭ ބުނެފައި ގެއަށް އަންނަނީއެވެ.
4 ވަނަރޭވެސް ދިއައެވެ. އެރޭ ބައްދަލުވީ ހަމަ ފިރިމީހާ އާއި އެއްއުމުރުގެ މީހަކާއިއެވެ. އެރޭވެސް ހަމަ ދެރަވެފައި މަޑުން އިނދެވޭތީ ސުވާލުތައް ކުރަންފެށުމުން ބުނެވުނެވެ. "ކެއުންވެސް އެހައި މުހިންމެއް ނޫނެވެ. ކައިގެން ނަމަވެސް އެންމެ ރަނގަޅެވެ. ކައިގެން ކޮޓަރިއަކަށް ދިއުމުގެ ބަދަލުގައި އަހަރެން ދިރިއުޅޭ ތަނަށް ވަދެލައިދޭށެވެ. އެއިރުން ތިއަކުރާ ހުރިހާ ސުވާލުތަކެއްގެ ޖަވާބުވެސް ލިބޭނެއެވެ."
އެމީހާ އަޅުގަނޑުގެ ވާހަކަކޮޅު ޤަބޫލުކޮށް ކައިނިމިގެން އޭނާ ގޮވައިގެން ދިއައީ އަޅުގަނޑު ދިރިއުޅޭ އެޕާޓްމަންޓަށެވެ. ދިއުމުން ދަރިފުޅު ދައްކާފައި އަދި ދަރިފުޅުގެ ބައްޕައަކީ ކާކުކަމާއި ޖެހިގެން އުޅޭ މައްސަލަތައް ކިޔައިދިނީމެވެ. އަދި ފައިސާގެ ބޭނުމުގައި ދިއުމުން ކުރީ 3 ރޭ ކަންތައްތައް ވީގޮތްވެސް ކިޔައިދިނީމެވެ. އަދި އެންމެ ބޮޑު އެއް މައްސަލައަކީ މިހައި މަދު ފައިސާކޮޅެއް ލިބޭއިރު ކުއްޔަށް ދިރިއުޅެން ޖެހޭތީ ދަރިފުޅު ނުބެލިދާނެ ކަމަށް އަޅުގަނޑުގެ އަތުން ދަރިފުޅު އަތުލަފާނެތީ ގަންނަބިރު ކަމަށްވެސް ބުނީމެވެ.
އަދިވެސް ކިޔައިދިނީމެވެ. "ހެނދުނު 8 ހަވީރު 6 ޙަލާލު މަސައްކަތުގައި ޑިޔުޓީ އެބަކުރަމެވެ. 3 ވަނަ ޝިފްޓަކަށްވެސް މިއުޅެނީ އެދިގެންނެވެ. ހިލޭ ފިރިހެނެއްގެ އަތުން އެންމެ ޑޮލަރެއްވެސް ބޭނުމެއް ނޫނެވެ. މިހައިތަނަށްވެސް ޙަރާމް ގޮތުގައި އެންމެ ޕާންފޮތްޗެއްގެ މިންވަރުވެސް ކައިފައެއް ނުވާނެއެވެ. ދަރިފުޅަށްވެސް ދީފައެއް ނުވާނެއެވެ. ފައިސާ ހޯދަން މިނުކުންނަނީ ދަރިފުޅަށްޓަކައި މަޖުބޫރުވުމުންނެވެ. ނަމަވެސް ޙަރާމް ގޮތުގައި ފައިސާ ހޯދަން ބޭނުންނުވާތީ ދެރަވެފައި އިނދެވެނީއެވެ."
މިވާހަކަތައް އަޑުއަހާފައި އޭނާ ބުނީ މާދަން މަސައްކަތު ނުގޮސް މަޑުކޮށްލުމަށެވެ. އަދި ހެނދުނު 10 ޖަހާއެހާކަންހާއިރު އަންނާނެ ކަމަށާއި ރަނގަޅު ގޮތުގައި އޭނާގެ ބޭނުން ފުއްދައިދޭން ވައުދުވާކަމަށެވެ.
އޭނާ ބުނިފަދައިން އަނެއް ދުވަހު އޭނާ އައެވެ. އަޅުގަނޑު ގޮވައިގެން ދިއައީ އޭނާ ހިންގާ ރެސްޓޯރަންޓަކަށެވެ. އެތަނަށް ގެންގޮސްފައި ބުނީ އެތަނުގެ މެނޭޖަރުކަން އަޅުގަނޑަށް ދިން ކަމަށެވެ. އަދި ހިންގައިގެން ލިބޭ ފައިދާއިން ބައެއް ދޭނެ ކަމަށެވެ. "ދެން މިހާރު ތިއަ މަސައްކަތްކުރާ ރެސްޓޯރަންޓަށް ދާކަށް ނުޖެހޭނެ. އަދި ފިރިމީހާ ކޯޓަށް ދިއަ ނަމަވެސް މިހާރު ތިއަލިބޭ މުސާރަ އާއި އިނާޔަތް ދެއްކުމުން އާމްދަނީ ލިބޭވަރު މަދުވެގެން ދަރިފުޅު އަތެއްވެސް ނުލެވޭނެ." ކަމަށް އޭނާ ބުންޏެވެ.
އަޅުގަނޑަށް އެފަދަ ރަޙްމަތެއް ލެއްވެވިކަން އެނގުމުން ދަރިފުޅު އަތުލަން ފިރިމީހާ ކުރި މަސައްކަތް ހުއްޓާލައިފިއެވެ. އެހިސާބުން އަޅުގަނޑަށް ދަރިފުޅު ގޮވައިގެން އުޅުމުގެ ފުރުޞަތު ފަހިވެއްޖެއެވެ. އެގޮތުގައި 2 އަހަރެއްހައި ދުވަސް ފާއިތުވި ފަހުން އޭނާ އަޅުގަނޑަށް ފިރިއަކުވެސް ހޯދައިދިނެވެ. އެއީވެސް އެންމެ މުއްސަނދި ނޫން ނަމަވެސް ހަމަ ތަނަވަސްކަންވެސް ލިބިގެންހުރި މީހެކެވެ.
އަޅުގަނޑުގެ ޙަޔާތުގައި ދިމާވި މިކަންކަމަކީ ކޮންމެ މުސްލިމް އަންހެނަކުވެސް ވިސްނައިލުން ރަނގަޅު ކަންކަމެވެ. މަޖުބޫރީ ޙާލަތުގައި ވެސް ފާފަ ނުކުރުމުން ކޮންމެވެސް މަގެއް ދައްކަވައި އެމީހާގެ މުހުތާދުތައް ފުއްދަވައި ދެއްވަވާނެ ކަމަށް ޝައްކުވެސް ނުކުރާށެވެ. އަދި އެފަދަ ޙާލަތެއްގައި ހުރިނަމަވެސް ނުބައި އެކުވެރިންގެ ބަސް ޤަބޫލުނުކުރާށެވެ! ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ. ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެއެވެ. އިން ޝާ ﷲ
މިއީ އަޅުގަނޑު މިޞުރުގެ ނޫހަކުން ކިޔާފައިވާ ވާހަކައެކެވެ. ވަރަށް ޢިބްރަތްތެރި ވާހަކައަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިނާއި ޙިއްޞާކޮށްލީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ދަރިފުޅަށްޓަކާ ހަށިވިއްކުން ނޫންގޮތެއް ނެތަކަމަށް ޤަބޫލުކުރެވުނަސް ﷲ އަށް ބިރުވެތިވެ އެކަން ނުކުރި އަންހެނަކަށް ޢަޖައިބެއްފަދަ ގޮތަކުން ފައިސާވެރިވެވުނު ގޮތުގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ