ސަރުކާރުން މަސައްކަތް ކުރަނީ ސުޕްރީމް ކޯޓު އަތުތެރެއަށް މަހާލަން - ނަޝީދު

ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ދަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަރުކާރުގެ އަތްދަށަށް ގެނެސް އެކޯޓުގެ ސަރުކާރުގެ އަތުތެރެއަށް "މަހާލަން" ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ މަގުތަކުގެ އަމާން ގެއްލިފައިވާތީ އާއި މާރާމާރީ ފަދަ ބޮޑެތި ކުށްތައް ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިނގަމުންދާއިރު ސަރުކާރުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ވިދާޅުވެ މިރޭ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި އެޕާޓީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގެ ބާރުތައް އަތަށް "ހެޔޮ ވަރުކޮށް މަހާލަން" ކަމަށެވެ. އަދި އެކަން ވިޔަނުދޭނެ ކަމަށާއި އެކަމާއި ދެކޮޅަށް އެމްޑީޕީ ތެދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު މަދުކުރުމަށް ކުއްލި ގޮތަކަށް ޕީޕީއެމުން ފެށީ ގާނޫނު އަސާސީއާ ހިލާފަށް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ވަކިކުރެއްވި މައްސަލަ އަމިއްލަ މީހަކު ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތާ އެކުގައި މައްސަލަ ބަލައިގަނެފައިވާ ކަމަށާއި އެ މައްސަލަ ބަލައި ނުގަތުމަށް ސަރުކާރުން ބާރުއަޅަމުން ދިޔަ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެ މައްސަލަ ބަލައިގަތުމާ އެކުގައި ސުޕްރީމް ކޯޓު ހަލާލުކޮށްލަން ސަރުކާރުން މިވަނީ ނުކުމެފައި. ވަރަށް ސާފުކޮށް އެނގެން ޖެހޭ ސުޕްރީމް ކޯޓު އިސްލާހުކުރުމުގެ ނިޔަތުގައި އެ ކޯޓު ނިކަން ރަނގަޅަށް އެ ބޭފުޅާ [ރައީސް ޔާމީން]ގެ އަތަށް ހެޔޮވަރަށް މަށާލުމުގެ ފުރުސަތުދީގެން ނުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ޕީޕީއެމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ނަޝީދު ވިދާޅުވިއިރު ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ.
މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ ހަތް ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަހްމަދު މުއުތަސިމެވެ.
"ސަރުކާރުން ސުޕްރީމް ކޯޓަށް ބާރުއަޅަމުން ގެންދިޔައީ އެމައްސަލަ ބަލައިނުގަތުމަށް. އެހެން ނަމަވެސް އެކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތާއެކު އެމައްސަލަ ވަނީ ބަލައިގެންފައި. އެމައްސަލަ ބަލައިގަތުމާ އެކުގައި ސުޕްރީމް ކޯޓު ފަނާ ކޮށްލުމަށް މިސަރުކާރުން މިއަދު މިވަނީ ނުކުމެފަ." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް އެޕާޓީން ބޭނުންވާ ކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ އެނިޒާމު އިސްލާހު ކުރުމުގެ ބަދަލުގައި ރައީސް ޔާމީންގެ އަތަށް ހެޔޮ ވަރުކޮށް ސުޕްރީމް ކޯޓު "ކޮށާލާ" ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންގެ އަދަދު ފަހަކަށް ތިރި ކުރުމަކީ ސީދާ ރައިސް ޔާމީންގެ އަތްފުޅުގެ ތެރެއަށް އެކޯޓު ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކޯޓުގެ ބާރުވެރިކަން ސަރުކާރުގެ އަތްދަށަށް ދިޔަ ދީގެން ނުވާނެ ކަމަށާއި އެޕާޓީ އަކީ އަބަދުވެސް ހެޔޮ ވެރިކަމެއް ރާއްޖޭގައި ކުރުމަށް އެދޭ ޕާޓީއެއް ކަމަށެވެ. އަދި އެޕާޓީއަކީ ސުލްހަވެރިކަމާ އެކު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ