ރައީސް މައުމޫން ޖޭޕީގެ ލީޑަރު ގާސިމާ ބައްދަލުކުރައްވައިިފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފި އެވެ.
މިއަދު ހެނދުނު 11:00 ޖެހިއިރު މި ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު މ. ކުނޫޒުގައި މިހާރު ކުރިއަށް ދަނީ ދެ ބޭފުޅުންގެ ރަސްމީ މަޝްވަރާތަކެވެ.
މަޝްވަރާ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންނާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހިމެނޭ އެޕާޓީގެ ކައުންސިލް މެންބަރުން ވެސް ބައިވެރިވެ އެވެ.
މީޑިއާއަށް ނުވަދެވޭ ގޮތަށް މަޝްވަރާ ބައްދަލުވުން ކުރިއަށްދާތީ މަޝްވަރާކުރެވޭ ކަންކަމުގެ މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ރައީސް މައުމޫން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވާފައި މިވަނީ ޕީޕީއެމްގެ ސަރުކާރަށް މައުމޫން ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދަވާފައިވާ ކަން އިއުލާންކުރައްވާފައިވާ ވަގުތެއްގަ އެވެ.
ރައީސް މައުމޫނާއި ގާސިމް ބައްދަލުކުރެއްވިއިރު ޕީޕީއެމްއާއި ޖޭޕީން ވެސް ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ނިންމާ، ޕާޓީގެ ޓިކެޓް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރާނެ ކަމަށް އިއުލާންކޮށްފަ އެވެ.
ޕީޕީއެމް އިން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައިވެސް ޖޭޕީއާއެކު ކޯލިޝަން އެއްބަސްވުމެއް ހަދާފަ އެވެ. އަދި ޕީޕީއެމް އިން ވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ޖޭޕީއަށް ސަރުކާރުގެ 33 ޕަސަންޓް މަގާމުތައް ހިއްސާކުރުމަށްވެސް އެއްބަސްވެފަ އެވެ. ނަމަވެސް ވެރިކަން ލިބުމާއެކު އެއްބަސްވުމާއި އެއްގޮތަށް އަމަލުނުކޮށް ޕީޕީއެމް އިން ވަނީ ޖޭޕީއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ