ޢަބްދުއްސައްތާރަކީ އަމިއްލަ އެދުމެއް ނެތި ޚިދުމަތް ކުރެއްވި ބޭފުޅެއް: މައުމޫނު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި، ނިޝާން ޢިއްޒައްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބުދުއްސައްތާރު މޫސާ ދީދީ އަކީ އަމިއްލަ އެދުމެއް ނެތި ސަރުކާރަށް ހިދުމަތް ކޮށްދެއްވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ކެބިނެޓްގައި 12 އަހަރު މަސައްކަތް ކުރައްވާފައިވާ އޮނަރަބަލް ޢަބުދުއްސައްތާރު މޫސާދީދީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. "...އޮނަރަބަލް ޢަބުދުއްސައްތާރަކީ މަތީ ދަރަޖައިގެ ނަޒާހަތްތެރިކަމާ އެކު، އަމިއްލަ އެދުމެއް ނެތި ސަރުކާރަށް 50 އަށް ވުރެ ގިނަ އަހަދު ހިދުމަތް ކުރެއްވި އިއްޒަތްތެރި ބޭފުޅެކެވެ. ﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ،" މައުމޫނު ކުރެއްވި ދެވަނަ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ. އުމުރުފުޅުން 79 އަހަރުގައި އަބުދުއްސައްތާރު އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވީ ބޭންކޮކްގެ ބުމްރުންގްރަޑް ހޮސްޕިޓަލުގަ އެވެ. އަބްދުއްސައްތާރު މޫސާދީއަކީ ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން މަސައްކަތް ކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅެކެވެ. ރާއްޖެ މިނިވަންވި ދުވަހު- 26 ޖުލައި 1965ގައި- އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ގަލަންކޮޅު ވެސް އިބްރާހިމް ނާސިރު ހަދިޔާ ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ