ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން ރައީސް އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައާ ގުޅޭ އަޑުއެހުންތައް މި މަހުގެ 15 ގައި ފެށުމަށް ނިންމައިފި އެވެ.
އެމައްސަލަ ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތީ މިދިޔަ ޖޫން މަހު އެވެ. އަދި އެ މައްސަލައިގައި އޮކްޓޯބަރު 15 ގައި ހާޒިރުވުމަށް ހަލީމަށް އަންގައި މިހާރު ވަނީ އަމުރު ފޮނުވައިފަ އެވެ.
ސުޕްރީމް ކޯޓުން ބުނެފައިވަނީ އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާނީ 11:00 ޖަހާއިރުން ފެށިގެން ކަމަށާއި އަޑުއެހުން ކުރިއަށްދާނީ އޮންލައިންކޮށް، މައިކްރޮސޮފްޓް ޓީމްސް ބޭނުންކޮށްގެން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މީގެ ކުރިން ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން މަޖިލީހުން މުސާރަ ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން 20،000 އަށް ވުރެން މަތިން ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށެވެ. ކޮމިޓީގެ މި ނިންމުން މަޖިލީހުން ފާސްކުރީ 21 މެއިގަ އެވެ. މުސާރަ ކުޑަ ކުރި މީހުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ މުސާރަވެސް ހިމެނެ އެވެ.
އެހެން ނަމަވެސް އެ ދެ ބޭފުޅުންގެ މުސާރައަކީ ގާނޫނުގައި ލިޔެވިގެންވާ މުސާރައެއް ކަމުން ގާނޫނު އިސްލާހުނުކޮށް މަޖިލީހަށް އެ ބޭފުޅުންގެ މުސާރަ ކުޑަ ނުކުރެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
ވަކި ގާނޫނަކުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވާ ފަރާތްތަކުގެ މުސާރަ ކުޑަކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ބުނެ ހަލީމް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައީސަކަށް ހުންނަވާ ބޭފުޅެއްގެ މުސަރާއަކީ 100،000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރަ އަކީ 75،000 ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ