އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އަވަހާރަކޮށްލައިފި

ގޮތްނޭނގޭ ބަޔަކު ދިން ބަޑީގެ ޙަމަލާއެއްގައި އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ އަންހެން ފަނޑިޔާރުން އަވަހާރަކޮށްލައިފިއެވެ.
އަފްޣާނިސްތާނުގެ ފުލުހުންގެ އިދާރާއިން ބުނީ ދެ ފަނޑިޔާރުން އަވަހާރަކޮށްލާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ. ފަނޑިޔާރުންގެ ކާރުކޮޅަށް އަމާޒުކޮށް ދިން އެ ޙަމަލާގައި ކާރު ދުއްވަން އިން ޑްރައިވަރުވެސް ޒަޚަމްވެފައެވެ. އަވަހާރަވީ ފަނޑިޔާރުންގެ ނަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން އެ ހާދިޘާ ތަހުގީގުކުރަމުންދާކަމަށެވެ.
އަފްޣާނިސްތާނުގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އަވަހާރަކޮށްލާފައި މިވަނީ އެ ޤައުމުގައި ޞުލްޙަ ޤާއިމްކުރުމާއިގުޅޭ މަޝްވަރާތައް އަފްޣާނިސްތާނުގެ ސަރުކާރާއި ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ޠާލިބާނުންނާއި ދެމެދު ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޞުލްޙައިގެ މަޝްވަރާތައް ފެށުނު ފަހުން އަފްޣާނިސްތާނުގައި ބަދަލުކުރަމުންދާ ޙަމަލާތައްވަނީ އިންތިހާއަށް އިތުރުވެފައެވެ.
ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުނީ ދެ ފަނޑިޔާރުންނަށް ދީފައިވާ ޙަމަލާއަކީ އެ މަޖަމާޢަތާއި ގުޅުމެއް އޮތް ޙަމަލާއެއް ނޫންކަމަށެވެ.
އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީވަނީ ޠާލިބާނުންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކުން އާންމުންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވާ ބަޔާނެއް ނެރުއްވާފައެވެ. ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ބިރުދެއްކުމާއި ބިރުވެރިކަން އުފެއްދުމާއި ކުށްކުރުމަކީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ޙައްލެއް ނޫންކަމަށެވެ. އަދި ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ޠާލިބާނުންގެ ފަރާތުން ވާޞިލްވުމަށް އެމަނިކުފާނުވަނީ ގޮވައިލައްވައިފައެވެ.
ފާއިތުވި މަސްތަކުގައި ސަރުކާރުގެ މުވައްޒަފުންނާއި ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް އަފްޣާނިސްތާނުގައި ގިނަ ޙަމަލާތަކެއްވަނީ ދީފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތަކަކީ ޠާލިބާނުންނާއި ގުޅުމެއް ނުވާ ޙަމަލާތަކެއްކަމަށް އެ ޖަމާޢަތުންދަނީ ބުނަމުންނެވެ. މަދަނީ ޖަމާޢަތްތަކަށް ނިސްބަތްވާ ފަރާތްތަކަށާއި ނޫސްވެރިންނަށް ހަމަލާ ނުދޭނެ ނަމަވެސް ސަރުކާރުގެ އޮފިޝަލުންނަށް ޙަމަލާދީ އެ ފަރާތްތައް 'ނައްތާލުމަށް' މަސައްކަތްކުރުން ހުއްޓާނުލާނެކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ. އަފްޣާނިސްތާނުގައި ޙަމަލާ ބަދަލުކުރުން އިތުރުވުމުގެ ސަބަބުން އެމެރިކާގެ އެހީތެރިކަމާއިއެކު ޤަތަރުގެ ދައުހާގައި ކުރިއަށް ގެންދާ ސުލްޙައިގެ މަޝްވަރާތަކަށްވަނީ ހިޔަނި އެޅިފައެވެ.
އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި ބައެއް މަސްދަރުތަކުން ބުނީ މަޝްވަރާތަކުގައި ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެނީ އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ރައީސްކަމުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އަފްޣަނިސްތާނާއިމެދު އެމެރިކާއިން ގެންގުޅޭނެ ސިޔާސަތެއް އިޢުލާނުކުރެއްވުމުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ