ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތުޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ. އަދި އެމަނިކުފާނުގެ ޝަރަފުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) އިން ވަނީ ޝަރަފުގެ ގާޑެއް އަރުވާފައެވެ.
އާއްމުގޮތެއްގައި ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދު އޮންނަ ރަސްމީ ގުޅުންތަކުގެ މަތިންނެވެ. ދެ ހަރަމްފުޅުގެ އިމާމަކަށް ދަތުރު ކުރެއްވޭނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ހާއްސަ ހުއްދައެއް ލިބިވަޑައިގެންނެވެ. އަދި އެ ނޫން ހާލަތެއްގައި ބޭރު ގައުމަކަށް ދަތުރެއް ނުކުރެވެއެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ހަރަމްފުޅުގެ އިމާމަކު ވަޑައިގެންފައި ވަނީ މީގެ 40 ވަރަކަށް އަހަރުކުރިން އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ.
އޭގެ ފަހުން މަސްޖިދުލް ނަބަވީގެ އިމާމް ފަޟީލަތުއް ޝައިހުލް ޑރ. ސަލާހު އަލް ބުދައިރް 2025 ވަނަ އަހަރުގެ އޭޕްރިލް މަހު ރާއްޖެ ވަޑައިގެންފައެވެ. އިމާމް ސަލާހު އަލް ބުދައިރް ރާއްޖޭގައި ފަސް ވަރަކަށް ދުވަސް ހޭދަކުރައްވާފައިާއިރު މި ފަސް ދުވަހުގެ ތެރޭގައި އެކި ރަސްމީ ބައްދަލުވުންތައް ކުރިއަށް ގެންދަވާ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާފައިވެއެވެ. ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރަކު ރާއްޖެ ވަޑައިގަތުމަކީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
2025 ވަނަ އަހަރު ދިވެހިރާއްޖޭގެ މިނިވަންކަމުގެ 60 ވަނަ އަހަރީ ފާހަގަކުރުމުގެ މުނާސަބަތުގައި ބައިވެރިވެވަޑައިގެންފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ދިވެހިރާއްޖެއަށް އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ފުރިހަމަ ސިޔާސީ މިނިވަންކަން ލިބިފައިވަނީ 26 ޖުލައި 1965 ގައެވެ. މިއީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ. އެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ