ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު، ގާސިމް ގޮވައިގެން ކޯޓަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަނބުރާ ދައްކާ ގޮތަށް ހަ މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ، އެ ފައިސާ ހޯދަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ޖާބިރު ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އޭނާގެ އަތުން އެއް މިލިއަން ޑޮލަރު ނަގައި، އެ ފައިސާ އަނބުރާ އަދާކުރުމަށްޓަކައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ގާސިމްގެ ފަރާތުން ދީފައިވާ ކަމަށެވެ. އަދި އޭނާގެ އަތުން ނެގި އެއް މިލިއަން ޑޮލަރުގެ ފައިސާ ގާސިމް ދެމުންދިޔައީ ދިވެހި ރުފިޔާ އިން ކަމަށާއި ނަމަވެސް އޭނާގެ އަތުން ނެގި ފައިސާގެ ތެރެއިން 65،000.000 ޑޮލަރުގެ ފައިސާ މިއަދާއި ހަމައަށްވެސް ލިބިފައި ނުވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކުރައްވައި ގާސިމް އޭނާގެ އަތުން އަނބުރާ އަދާކުރާ ގޮތަށް ފަސް މިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާގެ ތެރެއިން އެއްވެސް މިންވަރެއް މިއަދާއި ހަމައަށް ވެސް އަދާކޮށްފައި ނުވާ ކަމަށް ޖާބިރުގެ މައްސަލައިގައި ބުނެފައިވެއެވެ.
ޖުމްލަ ހަ މިލިއަން ދެހާސް ތިންސަތޭކަ ރުފިޔާ ހޯދަން ޖާބިރު މި މައްސަލައިގައި އެދިފައިވާއިރު، އޭނާ ވަނީ ފައިސާ އެކީ އެއްފަހަރާ ގާސިމްގެ އަތުން ނަގައިދިނުމަށް އެދިފައެވެ. މި މައްސަލަ ސާބިތުކުރުމަށް ޖާބިރު ވަނީ ދެ ހެކިވެރިންނާއި ޑޮލަރު ޗެކުގެ ކޮޕީއެއް ވެސް ހުށަހަޅާފައެވެ.
މީގެކުރިން ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ އެ ފައިސާ އަނބުރާ ހޯދަން ވެސް ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ