ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ އަމުރު ޤާނޫނާއި ހިލާފު ކަމަށް ނިންމި ނިންމުމާއި އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނިންމުމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމެޓީތަކުން ވެސް ނިންމީ ނިންމުންތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ހިލާފު ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެފައި ވާތީ ސުޕްރީމް ކޯޓާއި މެދު ގޮތެއް ނިންމައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހެޅި ހުށަހެޅުމާއި މެދު މިއަދު މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސުޕްރީމް ކޯޓުގެ އަމުރު ކަމަށް ވިދާޅުވެ ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކުރެވިދާނެ ހުށަހެޅުމެއް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އާޒިމް މަޖިލީހަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީ އިން ބެލުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމަށެވެ.
އާޒިމްގެ މިހުށަހެޅުމާއި އެކު ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ޖޭއެސްސީ އިން ނިންމާ، ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަ މަަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. އަދި މަޖިލީހުން ފަނޑިޔާރުންގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާ އެބޭފުޅުން މަގާމުން ދުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
މިއަދުގެ ޖަލްސާ ނިންމާލުމުގެ ކުރިން އާޒިމްގެ ހުށަހެޅުމަށް ވެސް މަޖިލީހުގައި ވޯޓް ނަގާނެއެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނިންމާލާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ފުރިހަމަވޭތޯ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުވުމަށް ފާސްކުރުމަށް ފަހު ކަމަށް ބެލެވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް މަގާމުން ދުރުކުރުމުގެ ބާރު އޮންނާނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ފަނޑިޔާރުން މަގާމުން ދުރުކުރެވޭނީ އެބޭފުޅުން މަގާމުން ދުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުގެ ވަގުތު އިތުރުކޮށްގެން ނަމަވެސް ސުޕްރީމް ކޯޓާއި މެދު މިއަދު މަޖިލީހުން ގޮތެއް ނިންމާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ