ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށްޓައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެގަރާރު ހުށަހެޅުއްވީ އެމްޑީޕީ ޕާލެމެންޓްރީ ގްރޫޕްގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެގަރާރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑް ކުރުމާއި ގުޅިގެން، ޖޭއެސްސީގެ ނިންމުމަށް ރައްޔިތުންގެ މަޖިލިސް ހިމެނޭ ގޮތަށް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ނެރެނު އަމުރު ދެމި އެބަ އޮތް ކަމަށް ބުނެ ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް އިއްޔެ ވެސް އަމުރެއް ނެރުމާއި ގުޅިގެން ހުށަހެޅި ގަރާރެކެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަމްބަރު: SC-SJ/03/2019 ކޯޓު އަމުރާއި، ނަމްބަރު: SC-SJ/02/2019 ކޯޓު އަމުރަކީ މިމަޖިލިސް ނުވަތަ މިމަޖިލީހުގެ އެއްވެސް މެމްބަރަކު ބަނދެވޭ އަމުރެއް ނޫން ކަމަށާއި، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ، ހަވާލާދެވެނު ދެ ކޯޓު އަމުރަކީ، މިމަޖިލީހުގެ ބާރުތަކުގެ މައްޗަށް އަރައިގަނެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ، ޣައިރުގާނޫނީ އަމުރެއްކަމަށް އިގުރާރުވެ، އަދުލްއިންސާފު ގާއިމުގެ ކުރުމުގެ ބާރު ތަކުގެ ތެރޭގައި ހިމެނޭ އެންމެ އިސް އިސްތިއުނާފީ ކޯޓުގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީ ލިބިދީފައިވާ ބާރުތަކަށް މިމަޖިލީހުން އިހުތިރާމު ކުރާހިނދު، އެބާރުތަކުގެ އިމުގެތެރޭގައި ދެމިއޮތުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިރުޝާދު ދިނުމަށާއި، އެބާރުތަކުގެ އިމުން ބޭރުވެ، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މިމަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް މިމަޖިލިސް އިގްރާރު ވަމެވެ." ހިސާނު ހުށަހެޅުއްވި އެގަރާރުގައި ވެއެވެ.
މީގެއިތުރުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ސްޕްރީމް ކޯޓުގެ ނަންބަރު 02/J-VA-SC/2019 އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުންވިއަސް ނިންމާ ކޮންމެ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް 17 ޖޫން 2019 ގައި ސްޕްރީމް ކޯޓުން ނެރުއްވި އެ ކޯޓުގެ ނަންބަރު 02/SJ-SC/2019 އަމުރުން ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ މައްސަލަ ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖންޑާ ކޮށްފަ އެވެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ މެމްބަރުން ދެކޭ ގޮތެއް ބެލުމަށް، ކޮންމެ މެމްބަރަކަށް ވެސް އެ މައްސަލަ އަށް ބަހުސް ކުރުމަށް ފުރުސަތު ލިބިލައްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އިއްޔެ އަމުރު ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން، ޖޭއެސްސީގެ މެމްބަރުން ހާޒިރުކޮށް، އެކޮމިޝަނުގެ ކަންބޮޑުވުންތަކުގެ މައްޗަށާއި، ޖުޑީޝަރީ އިސްލާހު ކުރުމަށް، މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް އެކުލޭ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ރިޕޯޓް ފާސް ކުރުމާއި ގުޅިގެންނެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި މަޖިލީހުން ފާސްކުރި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، އެ ރިޕޯޓް ފާސްކޮށްފައި ވަނީ، އެރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާއެކު ގައެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީއާއި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ނެރުނު ވަގުތީ އަމުރު)، އެ އަމުރު އެއީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށް، އަޅުގަނޑު ހުށަހަޅަން،" ހަސަން ލަތީފް އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ އިސްލާހާއެކު ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައި ނުވާއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުން ނުވާ ހަ މެމްބަރުން ތިއްބެވި އެވެ.
އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތި ކުރެވިފައިވާ މަސައްކަތް ކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށް ވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޖުޑީޝަރީ އިސްލާހު ކުރަން، ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ޖޭއެސްސީ ޖަވާބުދާރީ ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި ކަމަށާއި، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި މަޖިލީހުގެ ނިންމުމުގެ ވާހަކަ ސީދާ ގޮތެއްގައި ބުނެފައި ނެތް ނަމަވެސް އެ އަމުރުގައި ވަނީ، ފަނޑިޔާރަކު ނިންމާ ނިންމުމެއްގައި ޝަރުއީ އަދި ގާނޫނީ އަސާސްތަކާއި ގުޅުވައިގެން ގޯސް ކަމަށް ބުނެ، ސުލޫކީ ގޮތުން އެ ފަނޑިޔަރާ މެދު ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
ސުޕްރީމް ކޯޓު "މައިތިރި ކުރުމަށް" މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ