ތަހުގީގު ކުރަނީ އިކްރާމްގެ ދަރަނީގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަ

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބަލަން ނިންމި އެއް މައްސަލަ އަކީ ޕަބްލިކް ސާވިސް މީޑިއާގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ ދަރަނީގެ މައްސަލައިގެ ލިޔުންތައް ސުޕްރީމް ކޯޓުން ނެގި މައްސަލަކަން 'ސަން' އަށް އެނގިއްޖެއެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ދެ މައްސަލައެއް ބަލަން ޖޭއެސްސީން މިއަދު ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް މައްސަލަ އަކީ އިކްރާމް ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުގެ މައްސަލައެއްގެ ހުރިހާ ލިޔުންތަކެއް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ގެންގޮސްފައެވެ. ދެހާސް ސާދަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ސިވިލް ކޯޓުން އިކްރާމްގެ މައްޗަށް އިއްވި ހުކުމްގައި ވަނީ މ. ނަތީޖާ ގޯތި އިމަރާތްކުރުމަށް 18 އަހަރު ދުވަހުގެ މުއްދަތަށް އިކްރާމަށް ދީފައި ވަނިކޮށް، އެއްބަސްވުމާ ހިލާފަށް ގޯތީގައި އިމާރާތްކޮށްފައި ވާތީ އާއި އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައިނުވާ ކަމަށެވެ. ކުރީގެ މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ އެ އެއްބަސްވުމާ އިކްރާމް ހިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލްކޮށް، އެއްބަސްވުމުގައިވާ ގޮތުން 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހާ ހަމައަށް 922،400 ރުފިޔާ، އިކްރާމް މ. ނަތީޖާ އަޝްރާ އަލީ އާއި ޝިރުމީނާ އަލީ އަށް ދޭން ޖެހޭ ކަމަށް ކަނޑައަޅައި ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް އެ އަހަރު ޑިސެމްބަރު މަހު ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ފޮނުވި ސިޓީއެއްގައި، އިކްރާމްގެ ދަރަނީގެ މައްސަލައާ ގުޅޭ ހުރިހާ ލިޔުންތައް އެ ކޯޓަށް ފޮނުވައި ދިނުމަށް ވަނީ އަންގާފަ އެވެ. ސުޕްރީމް ކޯޓުން އެގޮތަށް އަންގާފައި ވަނީ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން އިކްރާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުގެ ސިޓީގައި ވަނީ އިކުރާމް ހުށަހެޅި މައްސަލައިގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ބެލި އިރު، އެ ކޯޓުން ވަކިގޮތެއް އަންގަންދެން އިކްރާމްގެ ދަރަނީގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ގުޅޭގޮތުން ދެން ބަލަން ނިންމާފައި ވަނީ އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގެ ބޮޑު ބައެއް ބާތިލްކޮށް އެހެން އަމުރެއް ނެރުނު މައްސަލައެވެ. އެއަމުރާ ގުޅިގެން ބަލަނީ ދެ ފަހަރު ދެ ގޮތަށް އަމުރު ނެރުމުން، އެ ފަނޑިޔާރުންގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ މައްސަލައެވެ. އެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނެވެ. އޭގެ ފަހުން އެ އަމުރުގެ ބައެއް ބާތިލް ކުރީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ ސޮޔާއެކުއެވެ. އެކެއް ފެބުރުއަރީގެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ބާތިލު ކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެކެއް ފަބުރުއަރީގައި ފުރަތަމަ އަމުރު ނެރުނު އިރު ސޮއިކުރި ފަނޑިޔާރުން ހަމަ އެ އަމުރު ބާތިލު ކުރަން ސޮއިކޮށް އަމުރު ނެރުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައި އެއީ ފަނޑިޔާރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފަ އެވެ. އެ ދެ މައްސަލަ ތަހުގީގު ކުރުމަށް މިއަދު ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް މިއަދު ވަނީ ނަގާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ: 1. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ 2. ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް 3. ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅު 4. ކޮމިޝަންގެ މެމްބަރު ހިސާން ހުސައިން 5. ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދު 6. ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމް 7. ކޮމިޝަންގެ މެމްބަރު އިބްރާހިމް ރިފްއަތު މީގެއިތުރުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ މައްސަލާގައި ތަހުގީގު ކޮމިޓީން މައްސަލަ ނިންމި ގޮތުގެ ރިޕޯޓަށް ޖަވާބުދާރީވާން 30 ދުވަހުގެ މުއްދަތެއް މިދިޔަ ހޯމަ ދުވަހު ވަނީ ދީފައެވެ. ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ މައްސަލަ ބަލާ ކޮމިޓީން ވަނީ ޖޭއެސްސީއަށް ލަފާދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ