ކުރިއަށް އޮތް ދެދުވަހު މޫސުން ވަރަށް ގޯސް

ކުރިއަށް އޮތް ދެދުވަހުވެސް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވުމާއެކު ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައިގަދަވެ ބައެއް ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 3ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެފިއެވެ.
(މެޓް) އޮފީހުން މިއަދު މެންދުރުފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް ވައިގަދަ ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަ ވުމާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ ހުޅަނގުއުތުރުން އަރަބި ކަނޑުގައި ކޮޅިގަނޑެއް އުފެދޭނެކަމަށް ލަފާކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މެޓު އޮފީހުން ބުނީ، ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވިޔަސް ދޭތެރެ ދޭތެރެއިން ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައި ގަދަވެގެންދާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކޮށްފާނެ ކަމަށް ވެސް މެޓު އޮފީހުން ބުނެއެވެ.
އެހެންކަމުން އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ