އިލެކްޝަންސް ކޮމިޝަނު (އީސީ)ގެ މެމްބަރު ކަމަށް ދެވަނަ ފަހަރަށް އިސްމާއީލް ހަބީބު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ 58 މެމްބަރުންގެ އިއްތިފާގުން ނެވެ.
މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ވެސް އެމައްސަލަ އެކަންޏެވެ.
އިއްޔެގެ ޖަލްސާއަށް ވެސް އެމައްސަލަ އެޖެންޑާ ކުރިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށް ނަގަން އެޖެންޑާ ކުރި ވޯޓަށް ނާހައި މަޖިލިސް ޖަލްސާ ވަނީ ނިންމާލާފަ އެވެ.
އިއްޔެގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ތައްޔާރުކޮށްފައި، މިއަދުގެ ޖަލްސާއަށް ފޮނުވާފައިވާ ރިޕޯޓަކީ އެ ކޮމެޓީން ނިންމި ގޮތާ ހިލާފަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ވިދާޅުވެ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެހެންކަމުން އެކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމަށް ބޭފުޅަކު އައްުޔަން ކުރެއްވުމަށް ނަގަން އެޖެންޑާކުރި ވޯޓަށް ނާއްސަވާނެ ކަމަށެވެ.
ކޮމެޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް ރިޕޯޓް ހުށަހެޅުމުން، ރިޕޯޓް އޮތީ ކޮމެޓީން ފާސްކުރިގޮތަށް ނޫންކަމަށް ބުނެ، މިފަދަ މައްސަލައެއް ފެންމަތިވި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފެންމަތިވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާ މެދުގަ އެވެ. ކޮމެޓީގެ އެ ރިޕޯޓަށް ވޯޓަށް އެހުމަށް ހަތަރު ދުވަހު އެޖެންޑާ ކޮށްގެންވެސް ވޯޓަށް ނާހައި، ޕީޕީއެމާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެރިޕޯޓް އޮތީ ކޮމެޓީން ނިންމި ގޮތަށް ނޫން ކަމަށްބުނެ، މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައިވާތީ، އެ ބިލް ވެސް ވަނީ އަނބުރާ ކޮމެޓީއަށް ފޮނުވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މިހާރުވެސް އެކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި އިސްމާއީލް ހަބީބުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އީސީގެ މެމްބަރުކަމަށް ކުރިމަތި ލެއްވި 16 މީހުންނާ އިންޓަވިއުކޮށްފަ އެވެ. އަދި އެމީހުންނަށް ކޮމެޓީން ވަނީ މާކްސް ދީފަ އެވެ. އެގޮތުން ހަބީބަށް 90.28 މާކްސް ލިބިފައިވާއިރު، ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ އަހުމަދު މޫސާ ހ. އަމްސާވިލާ، މާލެ އަށެެވެ. އޭނާއަށް 75.57 މާކްސް ލިބިފައި ވެއެވެ.
ކޮމެޓީން ދިރާސާ ކުރާއިރު، ކޮމެޓީން ފާސްވާ ކަމަށް ނިންމަނީ 75 މާކްސްއިން މަތީ މާކްސް ލިބޭ ފަރާތްތަކުގެ ނަންތަކެވެ.
އެގޮތުން އީސީގެ މެމްބަރު ކަމަށް ކުރިމަތި ލެއްވި 16 މީހުންގެ ތެރެއިން ކޮމެޓީން ފާސްވި ކަމަށް ނިންމާފައިވަނީ ހަބީބުގެ ނަމާއި އަހުމަދު މޫސާގެ ނަން އެކަންޏެވެ. ދެން ތިއްބެވި ފަރާތްތަކަށް ލިބިފައިވަނީ 75 އިން ދަށް މާކްސް އެވެ.
ރައީސް އޮފީހުން އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކޮމިޝަންގެ މިހާރު ވެސް މެންބަރުކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އެވެ. ކޮމެޓީން ރުހުންދޭން ފާސްކޮށްފައިވާ ދެބޭފުޅުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބިލެއްވީވެސް ހަބީބަށެވެ.
އީސީގެ މެމްބަރު ކަމުގައި ދެ ދައުރު ހުންނެވުމުގެ ފުރުސަތު ލިބިދޭތީ ގާނޫނީ ހުރަހެއް ހަބީބަކަށް ނެތެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހު އެވެ. ހަބީބުގެ އިތުރުން އީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތު އެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
އީސީގެ މެމްބަރު ކަމަށް ހަބީބު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ