ޖޮބްސެންޓަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކޯޓާ ނުދޭން ނިންމައިފި

ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކޯޓާ ދޫކުރުން ހުއްޓާލަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިކަން އިޢުލާން ކުރައްވާފައިވަނީ، މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާޢީލް ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި، އެކިއެކި ވަޒީފާދޭ ފަރާތްތަކަށް ކޯޓާ ދޫކުރާނީ، ޖޮބްސެންޓަރުގައި ރަޖިސްޓްރީވެފައިވާ ނަމަ ކަމަށެވެ. 
މިނިސްޓަރ ވިދާޅުވީ މިކަމުގެ ބޭނުމަކީ، ޖޮބް ސެންޓަރުގައި ގިނަ ފަރާތްތަކެއް ރަޖިސްޓްރީ ކުރުވުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި  ޖޮބްސެންޓަރުގައި ވަޒީފާއެއް ހޯދަން ރަޖިސްޓްރީ ވެފައިވާ މީހުންނާއި ވަޒީފާދޭ ފަރާތްތަކުގެ ވަޒީފާތަކަށް ބައްލަވާނެ ކަމަށާއި، ބޭރު މީހަކު ގެނައުމަށް ހުއްދަ ދޭނީ، ދިވެއްސަކު އެ ވަޒީފާއަށް ނުލިބިއްޖެ ކަމުގައި ވާނަމަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ވަޒީފާ ނުލިބިފައިތިބި ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަށްޓަކައި، އަލަށް އިންތިޚާބުވި ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. 
ޖޮބްސެންޓަރަކީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަނަކަށް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އުފައްދަވާފައިވާ ޕޯޓަލްއެކެވެ. އެގޮތުން، އިންކަމް ސަޕޯޓް އެލަވަންސްވެސް ދޫކުރުމުގެ މަސައްކަތްވެސް ކުރިޔަށްދަނީ އެ ޕޯޓަލް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ