ފިލްމު ބްރަމަސްތްރާގެ ޝޫޓިންގ އަނެއްކާވެސް ހުއްޓުމަކަށް

ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑުން ފެންނަ ފިލްމް "ބްރަމަސްތްރާ" ގެ ޝޫޓިން އަނެއްކާވެސް ހުއްޓިއްޖެއެވެ. މިއީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރާ އެއްފިލްމެވެ. ޝޫޓިން ހުއްޓުމަކަށް އައިސްފައިވަނީ ކޯވިޑްގެ ބަލިމަޑުކަން ފެތުރި ފުރަބަންދަކަށް ދިއުމުގެ ސަބަބުންނެވެ.
މަހާރަޝްތްރާ ސަރުކާރުން ފުރަބަންދު ޢިޢުލާނު ކުރުމާއި ގުޅިގެން ފިލްމު ޝޫޓިންތަކާއި، ޓީވީ ޝޯތައް އަދި އިޝްތިހާރުތަކުގެ ޝޫޓިން ތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. "ޓައިގަރ 3" ، "އަދިޕްރްޝް" "ގަންގޫބާއި" "ކާތިއާވަޑީ" އަދި "ޝާޝްމިތޫ" ފަދަ އެތައް ފިލްމެއްގެ ޝޫޓިންތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
އާލިއާ ބަޓް އަދި ރަންބީރު ކަޕޫރު "ބްރަމްސްތްރާ" އަށް ދީފައިވާ ފައިނަލް ޝެޑިއުލްވެސް ވަނީ ކުރިއަށް ޖައްސާފައެވެ. ފައިނަލް ޝެޑިއުލް ފަށައި ލަވައެއްގެ ޝޫޓިން ވަނީ ނުނިމިއެވެ. މި ލަވައިގެ ސެޓް ތައްޔާރުކޮށްފައިވަނީ ފިލްމު ސިޓީގައެވެ. އަދި ލަވައިގެ ކޮރިއޮގްރާފަރ އަކީ ގަނޭޝް އަޗަރްޔާއެވެ.
ޝޫޓިން ކުރިން ނިންމުމަށް ހަމަޖެހިފާ ލަވަ ލަސްވީ ލީޑް ރޯލް ކުޅޭ ރަންބީރު ކަޕޫރަށް ކޯވިޑް ޖެހުމުގެ ސަބަބުންނެވެ. އޭގެފަހުން އާލިއާ ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަނެއްކޮޅުން ސަރުކާރުން ވަނީ ގިނަ ބަޔަކު ބައިވެރިކޮށްގެން ޝޫޓިންތައް ވެސް ކުރިއަށް ނުގެންދިއުމަށް އަންގާފައެވެ. މި ލަވައަކީ ގާތްގަޑަކަށް 300 އެއްހާ ނެށުންތެރިން ބައިވެރިވާ ލަވައެކެވެ. އެންމެފަހުން އޭޕްރީލް 30 ހާ ހަމައަށް ވަނީ ހުރިހާ ޝޫޓިންތަކެއް ކެންސަލް ކޮށްފައެވެ.
އަޔާން މުކަރްޖީ ޑައިރެކްޓް ކުރާ މި ފިލްމުގައި ރަންބީރާއި އާލިއާގެ އިތުރުން އަމީތާބު ބަޗަން އާއި މޯނީ ރޯއިވެސް ފެނިގެންދާނެއެވެ. އާލިއާ އާއި ރަންބީރު އެކުގައި ބޮޑު ސްކްރީނުގައި ފެނިގެންދާ މިއީ ފުރަތަމަ ފިލްމެވެ. ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ. މިދިޔަ ހަފްތާ ޢާލިއާ ވަނީ ކޯވިޑަށް ނެގެޓިވް ވެފައެވެ. އާލިއާ އާއި ރަންބީރު މިވަގުތު ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ