ހާސް ނުވޭ، ބަނދަރުގެ އެގްރީމަންޓް މެންބަރުންނަށް ދޭނަން: ނަޝީދު

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ތަފްސީލް މެންބަރުންނަށް ހާމަ ކުރައްވާނެ ކަމަށާއި އެކަމާ މެންބަރުން ހާސްވެވަޑައި ނުގަތުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މަޖިލީހުގެ ތަޅުމަށް އިންޑީއާ އެކު ސަރުކާރުން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެންނެވެ.
ނަޝީދު ވިދާޅުވީ، އެ މަޝްރޫ ހިންގުމަށް އިންޑިއާ އެކު މަޝްވަރާތަކެއް ކޮށްފައި ވަނީ މިދިޔަ ސަރުކާރުން ކަމަށާއި އަދި އެކަން ކުރުމަށްޓަކައި އެކްޝަން ޕްލޭނެއް ހަދައި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވާ ކަމަށެވެ. އެޕްރީލް 2016 ގައި މިދިޔަ ސަރުކާރުން ހަދާފައިވާ އެ އެއްބަސްވުން މެންބަރުންނަށް އަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވުމުން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ ފުލިދޫ ދާއިރާ މެންބަރު އިބްރާހިމް ފަޒުލް ވަނީ، އެ މަޝްރޫއާ ގުޅިގެން މިދިޔަ ސަރުކާރުގެ އެއްބަސްވުންތަކާއި މި ސަރުކާރުން އިއްޔެ ސޮއި ކުރި އެއްބަސްވުން ވެސް ހާމަ ކުރުމަށް ގޮވާލައްވާފައެވެ.
ފަޒުލްއަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އެކަމާ ހާސްވެވަޑާއި ނުގަތުމަށާއި މިތަނުގައި ސިއްރުން ކުރަން އުޅޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.
އުތުރު ތިލަފަޅުގައި ގާއިމުކުރާ ބަނދަރުގެ އެއްބަސްވުމުގެ މައްސަލަ މިއަދު މަޖިލީހުގައި ހޫނު ވެފައިވާ އިރު އެ އެއްބަސްވުމުގައި ސޮއި ކުރި ހިސާބުން ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔާފައެވެ. އެ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ އެ އެއްބަސްވުމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އެ ބަނދަރުގެ އެގްރީމެންޓްގެ ތަފްސީލް ހާމަކުރުމަށް ގޮވާލައްވާފައި ވާއިރު، އެ އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތަރައްގީ ކުރާނީ ޒަމާނީ، ނޭވަލް ބަދަރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސް ވެފައެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައި ވެއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި އަދި އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމާ ގުޅިގެން އަބަދު ވެސް އިދިކޮޅު ކޯލިޝަނުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިކަންކަން މިހެން އޮތް އިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރުމަށާއި ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ޑޯނިއާ-228 މަރުކާގެ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލާ އަޑުތައްވެސް ވަނީ ގަދަވެފައެވެ.
މިކަމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނުން ބުނެފައި ވަނީ، އެ އެއްބަސްވުން ހާމަކުރުމަށް ވުރެ މަސްލަހަތު ބޮޑު ގޮތަކީ އެ އެއްބަސްވުން ހާމަ ނުކުރުން ކަމަށެވެ. ހަމައެއާއެކު އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖޭގެ ސިޔާދަތަށް ގެއްލުން ވާނެ ކަމަށާއި އެކަމަކީ ގައުމީ ސަލާމާތާ ވެސް ގުޅުން ހުރި ކަމެއް ކަމުގައެވެ. އަދި އެ އެއްބަސްވުން ހާމަކޮށްފި ނަމަ ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް އަސަރު ކުރާނެ ކަމަށްވެސް އައިކޮމް އިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ