ގާޒީ އިސްމާއިލް ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމެޓީއަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލަން ނިންމެވި ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.
އަދީބާއި ދައުލަތާ އެކު ހެދި، އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ހަތް ދައުވާއެއް 2019 ގައި އަދީބުގެ މައްޗަށް އުފުލުމުން މިދިޔަ އަހަރު ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ. އަދި އަލުން މައްސަލަ ބެލުމަށްފަހު އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް މިހާރު އޮތީ އިއްވައިފަ އެވެ.
އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ގާޒީ އިސްމާއިލް ގެންދެވީ މާ ކުރިން ވެސް އެ މައްސަލަ ނިންމާނެ ގޮތް ޕެން ޑްރައިވެއްގައި އޮތް ފައިލެއްގައި ލިޔަމުން ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފް އަމަލެއް ކަމަށް ނިންމައި، އޭނާ ވަކިކުރަން ޖޭއެސްސީން މަޖިލީހަށް އޮތީ ފޮނުވައިފަ އެވެ.
މަޖިިލީހުގެ މިއަދުގެ ޖަލްސާގައިވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފަ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، މަޖިލީހުން ފާސް ކުރުމުންނެވެ.
އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލާގައި ގާޒީ އިސްމާއިލް ކުރިން ސަސްޕެންޑް ވެސް ކުރި އެވެ. އޭރު 60 ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނިކޮށް ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އޭނާ އަނެއްކާވެސް ގެންދަވަނީ މަސައްކަތަށް ނިކުމެވަޑައިގަންނަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ