މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ އޮރެންޖު އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މިރޭ 10:30 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށް ގަޑިއަކު 34 މޭލާ 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ދަރަޖަކޮށްފައިވަނީ ވައިޓް، ޔެލޯ، އޮރެންޖް އަދި ރެޑް އަދި ވިއްސާރަ އަލިވުމުން، ގްރީން އެލާޓުގެ ގޮތުގަ އެވެ. މާ ބޮޑަށް މޫސުން ގޯސްވުމުން މީގެ ކުރިން އެ އިދާރާއިން މުޅިން ވެސް ނެރެނީ ޔެލޯ އެލާޓެވެ. އެއީ ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ޖެހި، އެއް ގަޑިއިރުގެ ތެރޭގައި 70 މިލިމީޓަރަށް ވާރޭ ވެހުމުންނެވެ.
އެކަމަކު މިދިޔަ މެއި މަހު ވަނީ ފުރަތަމަ ފަހަރަށް އޮރެންޖު އެލާޓް ނެރެފަ އެވެ. އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ.
މޫސުން ލަފާކޮށް މެޓުން ބުނީ، މާދަމާ ރޭ 8:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ. އެ ވަގުތުތަކުގައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެ އެވެ.
"ބޯކޮށް ވާރޭވެހި ވިލާގަނޑުތެރޭގައި ވައި ގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭތީވެ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ