އާރަށުގެ މައްސަލަ: އާ ހެކިތައް ބަލައިގަތުމާމެދު ގޮތެއް ނިންމަނީ

ވ.އާރަށުގެ މައްސަލާގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަލަށް ހުށަހެޅި ހެކިތައް ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުން އަންނަމަހުގެ 1 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.ސުޕްރީމް ކޯޓުން އާއްމުކޮށްފައިވާ ޝަރީއަތްތަކުގެ ތާވަލުގައިވާ ގޮތުން މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ޖުލައި 1 ވާ ބުދަ ދުވަހުގެ ހެނދުނު 09:00ގަ އެވެ.މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހު އެވެ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި، މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެމްބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީނާއި، ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ގައި އެ ކޯޓުން ނިންމާފައިވެ އެވެ.ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެ އެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ހައިކޯޓުގެ އެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ.ސުޕްރީމް ކޯޓުގައި މީގެ ކުރީން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވެފައިވަނީ، ހައިކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާ އެވެ.ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިިިިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.އާރަށް މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ