ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ދެވަނަ ހެލްތް ކޭމްޕް، ލ. ގަމުގައި ބާއްވަނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބާއްވާ ދެވަނަ ހެލްތު ކޭމްޕް މި މަހުގެ 19 އިން 20 ވަނަ ދުވަހަށް ލ. ގަމުގައި ބޭއްވުމަށް ނިންމައިފިއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީ ކޮށްގެން ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ކޭންޕްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ. މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހަތް ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުން ޚިދުމަތް ފޯރުކޮށްދޭނެއެވެ. އެއީ: ޑރ. މޫސާ މަނިކު - ހިތުގެ ބަލިތުގެ ޚާއްސަ ޑރ. ޕަންކަޖް ޕަޓަވާރީ – ހޯމޯން ބަލިތަކުގެ ޚާއްސަ (އެންޑޮކްރިނޮލޮޖީ) ޑރ. ޗަންދުރަޝޭކަރު ރާވަލް - ކަރުންމަތީގެ ބަލިތަކުގެ ޚާއްސަ (އީއެންޓީ) ޑރ. އިބްރާހީމް މުއުމިން – އޮޕަރޭޝަންތަކުގެ ޚާއްސަ ޑރ. މުހައްމަދު ހަބީބް - ކަށީގެ ބަލިތަކުގެ ޚާއްސަ ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ޚާއްސަ ޑރ. ނަޒްމީ ލަތީފް - ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ ޑރ. މެހެމެތް އޮޑާ - ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ ތެރެއިން، ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޞިއްޙީ ސްކްރީނިން އަދި މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. ހަމައެއާއެކު އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލާމު އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންނާއެކު މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކޮށް، ފަންނީ ހުނަރު އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުޞަތެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. މީގެ އިތުރުން، ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާގެ ވަޒީފާތަކަށް ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ގަމުގެ ދަރިވަރުންނަށް ޚާއްޞަ ތަޢުލީމީ ސެޝަނެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ. މި ކޭމްޕުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޚާއްޞަ ބަލިތަކުގެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުން. މި ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު ބޭނުމެއް، ޓްރީ ޓޮޕް ހޮސްޕިޓަލް މި ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ ރޭގަނޑު 11:00 އެވެ. ރަޖިސްޓްރީ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ 6800026 +960 ނަންބަރަށް ގުޅުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެދިފައެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖެއަށް އާ ޚިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ރާއްޖޭގެ ފުންނާބު އުސް ސިއްޙީ މުއައްސަސާއެކެވެ. މި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްޙީ ފަރުވާއަށް ކުރާ ޚަރަދު ކުޑަކޮށްދިނުމެވެ. ޓީޓީއެޗް އިން ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ވަސީލަތްތަކާއެކު ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. އެ ހޮސްޕިޓަލުން ވަނީ އިތުރު މަޢުލޫމާތު ހޯދުމަށް 3351630 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ