ރިޔާސީ ދެ ކޮމިޝަން އުވާލަން ޖެހޭ: ރައީސް ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ދެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބު އަދާނުކުރެވޭ ކަމަށާއި އެހެންކަމުން މިހާރު އެ ދެ ކޮމިޝަން އޮތުމުގެ ބޭނުން ވިސްނިވަޑައިނުގަންނަވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ކޮމިޝަނާއި، ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ވަނީ އުފައްދަވާފައެވެ. އަދި މި ދެ ކޮމިޝަންގެ މަސައްކަތްތަކަށް ޤާނޫނުން ބާރުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް ކޮމިޝަންތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ޤާނޫނީ ބާރުދީފައެވެ.
މީގެ އިތުރުން ޖިނާއީ މައްސަލަތައް ބަލައިދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމުގައ ބާރާއި މަދަނީ މައްސަލަތައް ބަލައި ދައުވާކޮށް ފިޔަވަޅު އެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ފުރުސަތުވެސް ކޮމިޝަންތަކަށް ލިބެ އެވެ.
ރިއާސީ ކޮމިޝަންތަކަށް ބާރު ދިނީ 2019 ވަނަ އަހަރު ފާސްކުރި ރިއާސީ ކޮމިޝަންތަކުގެ ގާނޫނުންނެވެ. ނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް ކުރިޔަށް ނުދާކަމުގެ ޝަކުވާތައް އާންމުން އަންނަނީ ކުރަމުންނެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވެސް ވިދާޅުވީ ގާނޫނުގައި ބުނާ މަސައްކަތް، އެ ދެ ކޮމިޝަނަށް ވެސް ކުރެވުނު ކަމަށް ގަބޫލުފުޅުކުރައްވަން ދަތި ކަމަށެވެ. އަދި ދެ ކޮމިޝަން އޮތުމުގެ ބޭނުން ވެސް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ރިޔާސީ ކޮމިޝަންތަކުގެ ގާނޫނާ ދެ ކޮމިޝަން އުވާލުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގައި ބުނާގޮތުން އެވަގުތަކު އުފައްދާ ރިޔާސީ ކޮމިޝަނެއްގެ މަސައްކަތް ނިމުމުން ނުވަތަ
އެނޫންވެސް ސަބަބަކަށްޓަކައި އެ ކޮމިޝަނެއް އުވާލުމަށް ނިންމައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމުން އެ ކޮމިޝަނެއް އުވުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ