ސެޕްޓެމްބަރު 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެންޑިޑޭޓެއް ނެރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑު ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ނުކުތުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މި ނިންމުމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވީ ބާރަކީ ރިޔާސީ ރޭހަށް ނުކުންނަ ކޮންމެ ބައަކުވެސް ބޭނުންވާނެ އެއްޗެއް ކަމަށާއި ނަމަވެސް މިއަދު އެންމެ މުހިންމީ އިސްލާމް ދީން މިޤައުމުގައި ހިމާޔަތްކުރުމާއި ޤައުމުގެ ފުރިހަމަ މިނިވަންކަން ޤައުމަށް އޮންނާނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ.
އެގޮތުން އަދާލަތު ޕާޓީން އިންތިހާބަށް މިވަގުތު ކެންޑިޑޭޓަކު ނެރުމަކީ ސިޔާސީ މަސްރަހު ބައިބައިވެ، ހަލަބޮލިވެގެން ހިނގައިދާނެ ކަމެއް ކަމަށް މަޝްވަރާ މަޖިލީހުން ދެކޭ ކަމަށާއި އެހެންވެ ގައުމީ މަސްލަހަތަށް އިސްކަންދީ، ދިވެހިންގެ އެއްބައިވަންތަކަމާއި ރަނގަޅު ވެރިކަމެއް ގާއިމްކުރަން އެންމެ މަސްލަހަތު ބޮޑު ގޮތަކީ އަދާލަތުން ކެންޑިޑޭޓަކު ނުނެރުން ކަމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވެރިކަމާ ބާރަށް ބޭނުންވާ ޕާޓީއެއް ނޫން. އަދާލަތުން ބޭނުންވަނީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދިނުން. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކޮށް ނަގަހައްޓައި ދަމަހައްޓަން.” އިމްރާން އިތުރަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓަން ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް އަދާލަތު ޕާޓީން ކުރާނެ ކަމަށެވެ.
އިމްރާން ވަނީ މިއީ ޤައުމުގެ ހުރިހައި ސިޔާސީ ލީޑަރުންވެސް އެބޭފުޅުންގެ ހުރިހައި ސަމާލުކަމެއް ޤައުމަށްޓަކައި ދެއްވަންވީ ވަގުތު ކަމަށް ވިދާޅުވެ އެއްބައިވަންތަކަމާއިއެކު އަތުގުޅާލައިގެން ނުކިތުމަށް ސީޔާސީ ޕާޓީގެ ހުރިހާ ލީޑަރުންނަށް ގޮވާލައްވާފައެވެ.
ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން ކެންޑިޑޭޓެއް ނުނެރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ