ސަރުކާރަށް ބޭރުން އެއްވެސް ފައިސާއެއް ނުގެނެވުނު ކަމަށާއި އެކަމުގެ ސަބަބުން ދަރަނި ދެއްކުމަށް ރާއްޖޭގައި ހުރި ހުރިހާ ފައިސާއެއް ބޭނުންކުރުމުގެ ސަބަބުން ޑޮލަރު ހުސްވެފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ދިވެހި ސަރުކާރުން ވަނީ ސުކޫކަށް 524 މިލިއަން ޑޮލަރު އަދި އިންޑިއާ ސަރުކާރު މެދުވެރިވެގެން އެ ގައުމުގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރު ހިމަނައިގެން، ޖުމްލަ 924 މިލިއަން ޑޮލަރުގެ ދަރަނި ވަނީ އަނބުރާ ދައްކާފަ އެވެ.
Yes Maldives Pvt Ltd
MU STORE
MU STORE
Enterprise Development Industrial Pvt Ltd
ދަރަނި ދެއްކުމުގެ ސަބަބުން ބޭރު ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިވަގުތު ޑޮލަރެއް ގަންނަން ލިބެނީ 21.35ރ. އަށްވުރެ ބޮޑު ރޭޓެއްގަ އެވެ. "އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ކުރިންް ވަޒިފާ އަދާކުރެއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ފަރާތުން ދަރަނި ރީސްޓްރަކްޗާ ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ހުށަހެޅި ކަމަށެވެ.
"އަލުން އަނބުރާ ދަރަނި އެކުލަވާލުމުގައި މެންބަރު ގައުމުތަކަށް އެހީތެރިވެދޭ. ސީވީއެފްއިން މިހާރުވެސް އެ މަސައްކަތް ކޮށްދޭ. ދިވެހި ސަރުކާރަށް ވެސް ހުށަހެޅި ސަރުކާރުގެ ދަރަނި އަނބުރާ އެކުލަވާލުމުގައި، އަލުން ރީސްޓްރަކްޗާކުރުމުގައި އެ ޖަމިއްޔާއަށް އެހީތެރިވެދެވެން އެބައޮތޭ،" ސްރީލަންކާއަށް ކުރިމަތިވި ދަރަނީގެ ކާރިސާއިން އަރައިގަތުމަށް އެހީތެރިވެވަޑައިގެންނި ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި ސީވީއެފްއަށް އެ ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރުން އިހުތިޔާރުކުރީ އަމިއްލަ ޕްލޭނާއެކު ކުރިއަށްދިޔުމަށެވެ. ނަމަވެސް، އެ ޕްލޭން ކާމިޔާބު ނުކުރެވި ބޭރުން ޑޮލަރު ވެސް ނުގެނެވުނު ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ބޭފުޅުންގެ މަސައްކަތުން ކެޕިޓަލް މާކެޓަށް އެކްސެސްވެގެން ފައިސާއެއް ނުގެނެވުނު. ފައިސާ އެއްގޮތަކަށް ވެސް ނުެގެނެވުނީމާ ދަރަނި އަނބުރާ މި ދެއްކީ އެ އޮތްގޮތަށް ރަށުތެރޭ ހުރި ހުރިހާ ފައިސާއަކުން،" ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓު ބޭންކް (އޭޑީބީ) އާއި ވޯލްޑް ބޭންކުން އާންމު އުސޫލުން ދޫކުރާ ލޯނު ރާއްޖެއަށް ލިބިފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އޯޕެކް ފަންޑު ފޯ އިންޓަނޭޝަން ޑިވެލޮޕްމަންޓާއި ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން މިއަހަރު ތެރޭ ސަރުކާރުން ވަނީ ލޯނު ނަގާފަ އެވެ. މި ދެ ތަނުން ވެސް ނަގާފައި ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެކެވެ.
"ރަށުގައި ހުރި ހުރިހާ ޑޮލަރެއް ނަގައި [ދަރަނި] އަނބުރާ މި ދެއްކީ. އެހެންވީމާ ރަށުން މިއޮތީ ޑޮލަރު ހުސްވެފައި."
ޑޮލަރުގެ އަގު މައްޗަށް ގޮސްފައި މި ވަނީ މިއަހަރު ރިކޯޑު މިންވަރަކަށް ދަރަނި ދެއްކުމާއި، ޑޮލަރުގެ އިސްރާފު ގިނަވުމާއި، އާ އިންވެސްޓްމެންޓުތައް ނުވަނުމުގެ އިތުރުން ލޯނު ހޯދުމުގެ ގާބިލްކަން ސަރުކާރުގެ ނެތުމުންނެވެ.
މި މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ސަރުކާރުން ރިސޯޓުތަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކުރި ނަމަވެސް، އެ ބަދަލާއެކު ވެސް ޑޮލަރުގެ އަގު ދިޔައީ މައްޗަށެވެ.
ޑޮލަރުގެ އަގު 15.42 އަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ތިރި ކުރުމަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދުގެ ވައުދަކަށްވާއިރު، މިފަހުން ސައީދު ވަނީ ޑޮލަރުގެ އަގު ތިރި ނުކުރެވެނީ ނިމިދިޔަ ސަރުކާރުތަކާ ހެދި ކަމަށް ވިދާޅުވެފަ އެވެ.
އަހަރު ފެށުމުގެ ކުރިން ފިނޭންސުން އަންދާޒާ ކުރީ، މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިހެން ނަމަވެސް އިރާނު ހަނގުރާމައާ ގުޅިގެން އޭރު އަންދާޒާ ކުރި ވަރަށް ވުރެ ދަރަނި އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
އަހަރުންއަހަރަށް ދަރަނި އިތުރުވާއިރު، މި އަހަރަކީ މި ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރާއި ދަރަނީގެ ހިދުމަތަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ އަހަރެވެ. މި ދަރަނީގެ ބޮޑު ބަޔަކީ އޭޕްރިލްގައި ދައްކާ ނިންމާފައިވާ ސުކޫކުގެ ފައިސާ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ދަރަނި އަދާކުރަން އެކަނި 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ނަމަވެސް އަބޫދާބީ ފަންޑަށް ވިއްކާފައިވާ ބޮންޑަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމާ ގުޅިގެން މި އަދަދުން 1.5 ބިލިއަން ރުފިޔާ މަދުވާނެ އެވެ.
ސަރުކާރަށް ބޭރުން ފައިސާ ނުގެނެވުނު، ރަށުން ޑޮލަރު ހުސްވީ ހުރި ހުރިހާ ފައިސާއަކުން ދަރަނި ދެއްކުމުން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ