ދެކުނު ސޫދާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އެ ޤައުމަށް ޔުގާންޑާގެ ސިފައިން ވަދެއްޖެ

ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ދެމުންދާ ހަމަލާތަކާއި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން، އެ ޤައުމުގައި ތާށިވެފައިވާ ތިބި އާއްމުން ސަލާމަތްކުރުމަށް ޔުގާންޑާގެ ގިނަ އަދަދެއްގެ ސިފައިން ދެކުނު ސޫދާނަށް ވަދެއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމަށްފަހު އަނެއްކާވެސް އެ ޤައުމުގައި ހަމަލާތައް ދެމުންދާކަމަށް އދ. އިންވެސް ހާމަކޮށްފައިވާއިރު، މިހާތަނަށް މިހަމަލާތަކުގައި ގާތްގަނޑަކަށް 300 އެއްހާ މީހުން މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މީގެއިތުރުންވެސް މައުލޫމާތު ލިބޭގޮތުގައި ދެކުނު ސޫދާނުގެ ރައްޔިތުން ސަލާމަތްކުރުމަށް ޔުގާންޑާގެ ސިފައިން ވަދެފައިވަނީ ދެކުނު ސޫދާނުގެ ރައީސް ސަލްވާ ކީރުގެ ހުއްދައާއިއެކުގައެވެ.
މި އޮޕަރޭޝަނާއި ބެހޭގޮތުން ޔުގާންޑާ އަސްކަރިއްޔާގެ އިސް އޮފިޝަލެއް "އޭއެފްޕީ" އަށް ވިދާޅުވެފައިވަނީ އެ ފަރާތްތަކުން ޖޫބާގައި ތާށިވެފައިތިބި 3000 އެއްހާ މީހުން ސަލާމަތްކުރާނެކަމަށާއި އަދި ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމު ދޫކޮށްދާން ބޭނުންވާ އިތުރު ފަރާތްތައްވެސް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރާނޭކަމަށެވެ.
ޔުގާންޑާއިން ދެކުނު ސޫދާނުގެ ރައްޔިތުން ސަލާމަތްކުރުމަށް އޮޕަރޭޝަނެއް ފަށާފައިވަނީ ދެކުނު ސޫދާނު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރާ ފަރާތްތަކަށް އެ ޤައުމުގެ (ދެކުނު ސޫދާނުގެ) ސިފައިން ގޯނާކޮށް މުދާތައް ލޫޓުވަމުންދާކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މީގެކުރިންވެސް ޔުގާންޑާގެ އެހީތެރިކަމާއިއެކު ދެކުނު ސޫދާނުގައި އުފެދުނު ބޮޑެތި ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ