ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ބާރު ރާއްޖޭގައި އަންނަނީ ގަދަވަމުން: ނަޝީދު

ރާއްޖޭގައި އިންތިހާބެއް ބާއްވަން ޖެހޭ ކަމަށާއި އިންތިހާބު ނުބާއްވައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ބާރުގަދަވަމުން އަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުކުރައްވައިފި އެވެ.
އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިސްލާމީ ޕާޓީއެއް ކަމަށްވާ އަދާލަތު ޕާޓީ އަށް ރިޔާސީ އިންތިހާބުގައި ނެރެވިފައި ވަނީ ދަށް ނަތީޖާއެއް ކަމަށާއި އަދި ޖެހިގެން އައި ޕާލަމެންޓް އިންތިހާބުގައި ގޮނޑިއެއް ވެސް ލިބވިފައި ނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ނަމަވެސް ބަޣާވާތަށް ފަހު އެމީހުންނަށް ވަނީ ކެބިނެޓްގެ ތިން ޕޯޓްފޯލިއޯ ލިބިފައި. އަދި އެމީހުން ދަނީ މިލިޓަރީ އަށް އެމީހުންގެ އަމުރުތައް ކުރަމުން، އެމީހުން ދަނީ ފައިހަރުކުރަމުން،" ރައީސް ނަޝީދު ވިދާޅުވިކަމަށް ވޮޝިންޓަން ޕޯސްޓްގައިވެ އެވެ.
ރައީސް ނަޝީދު އަދި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގެ ތިން އަހަރު ސްކޫލްތަކުގައި ކިޔަވައި ދިނުމުގެ ކަރިކިއުލަމް މާ އިސްލާމީ ނޫން މެދުމިނުގެ ކަރިކިއުލަމްއަކަށް ބަދަލުކުރައްވަން މަސައްކަތް ކުރެއްވި އެވެ. އަދި ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ކަނޑާލާފައި އޮތް އިޒްރާއީލްގެ ޑިޕްލޮމެޓިކް ގުޅުން އަލުން އާކުރެއްވި އެވެ.
އަދި އެމެރިކާއާ އާއި އިންޑިޔާ އާއި ގާތްގުޅުމެއް ބޭއްވެވި ކަމަށާއި އެހެން ނަމަވެސް އެދެގައުމުން އާ ސަރުކާރުން ބަލައި ގަތީ އަވަހަށް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އަދި އިސްލާމީ ހަށުކަށި މީހުން ބުރުގާ އަޅަން މަޖުބޫރުކޮށްފައިވާ އަންހެނުންނަށް ހިމާޔަތް ދެއްވުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ރައީސް ނަޝީދުއާ ހަވާލާދީ ނޫހުގައިވެ އެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން ތިބިކަމަށް ރާއްޖެ އިން ބޭރުގައި ދެއްވާ އިންޓަވިއުތަކުގައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ